އެމްޑީޕީއިން މަސައްކަތް ކުރަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ދަރުބާރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަންގަވައިގެން ހުރަސް އަޅުއްވަން ކަމަށް ދަ ޑިމޮކްރެޓްސް އިން ތުހުމަތު ކޮށްފި އެވެ.

އެމްޑިޕީގެ ޕާލިމެންޓްރީ ގުރޫޕުންމިއަދު ނިންމާފައިވަނީ މަޖިލީހަށް ހުށަހަޅާފައި އޮތް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގާ މަޖިލީހުގެ އެއްވެސް ކަމަކަށް އެއްބާރުލުން ނުދިނުމަށެވެ. ރައީސް ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ވަނީ ތުރީ ލައިން ވިޕެއް ނެރެފަ އެވެ. އެގޮތަށް ފާސް ކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގާ މަޖިލީހުގައި ކުރިއަށްދާ އެއްވެސް ކަމަކަށް އެމްޑީޕީގެ ފަރާތުން އެއްބާރުލުން ނުދޭން މެމްބަރުން ނިންމާފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގާ އާ ރައީސް ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާ ވެސް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ދަރުބާރަށް ހުރަސް އެޅުމަށް ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަންގަވައިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ލައްވައި ކުރާ މަސައްކަތްތައް ކުށްވެރިކުރާ ކަމަށެވެ.

ރައްޔިތުންގެ ނިންމުމާ ގާނޫނު އަސާސީގެ ހުރުމަތާއި ޑިމޮކްރެސީގެ އަސާސްތަކަށާއި މަކާރިމުލް އަހުލާގުގެ ހަމަތަކަށް ރުޖޫއުވުމަށް އިލްތިމާސްކުރާ ކަމަސްވެސް އެބަޔާނުގައި ބުނެފައިވެ އެވެ.