ފަލަސްތީނަށް އެހީވުމަށް އާބަންކޯ އިން ހުޅުމާލޭގައި ބޮޑު ހަރަކާތްތަކެއް މި ހަފްތާ ބަންދުން ފެށިގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.

އާބަންކޯ އިން އިސްނަގައިގެން ފަލަސްތީނަށް އެހީވުމަށް މި ހަފްތާ ބަންދާއި އަންނަ ހަފްތާގެ ބަންދުގައި ބޮޑު ތިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.

އެގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުން ރާއްޖޭގެ ބައެއް އިލްމުވެރީންނާ ގުޅިގެން "ފަލަސްތީނުގެ ހާލަތާ މެދު" މި މައުލޫއަށް ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. މި ހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު ހިޔާ ޕާކުގަ އެވެ.

ދެވަނަ ހަރަކާތެއްގެ ގޮތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މޯމްސް ޖަމިއްޔާއާއި ގުޅިގެން ފަންޑް ރައިޒިން އިވެންޓެކެވެ. މި ހަރަކާތް ކުރިއަށް ދާނީ މާދަމާ ހަވީރު ހިޔާ ސަރަހައްދުގަ އެވެ.

ތިން ވަނަ ހަރަކާތެއްގެ ގޮތުން މި މަހުގެ 28، 29، 30 މި ތިން ދުވަހު ކޭކް ޑޯނާސް އިން ބާއްވާ ފަންޑް ރެއިޒިން ހަރަކާތެއް އޮންނާނެ އެވެ.

ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީވެދިނުމަކީ އާބަންކޯގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖެ އިން ފަލަސްތީނަށް އެހީވުމުގެ ގޮތުން މިހާރު ވެސް ގެންދަނީ އެކި ކަހަލަ ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި އެތައް މިލިއަން ރުފިޔާއެއް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ހަދިޔާކޮށްފައިވެ އެވެ.