އިތުބާރު ނެތް ރައީސަކު ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށާއި އެމަގާމުގައި ހުންނަން ވާނީ އިތުބާރު ނެތްކަމުގެ ވޯޓާ ވެސް ކުރިމަތިލާން ކެރޭ ބޭފުޅެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު އެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ވެސް އަންނަ އާދިއްތަ ދުވަހަށް ހަމަވެ އެވެ.

އެމްޑިޕީން މިއަދު ބުނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެޖެންޑާ ކޮށްފައިވަނިކޮށް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް، އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ކުރަމުންގެންދާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ އެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ ދެމިހުރެވޭނެ މަގާމެއް ނޫން ކަމަށާ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ބޭފުޅެއް ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވުން ކަމަށާ އެހެންނަމަވެސް ނަޝީދުގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާތަން ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ރިޔާސީ އައު ދައުރެއްގެ ފެށުން ގާތްވެފައިވާއިރު ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް ފުރުސަތެއް ނުދޭނެ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަހުސް ކުރުމަށް ދެ ގަޑިއިރު ވަނީ ކަނޑައަޅައިފަ އެވެ. އެއަށް ފަހު އެ މައްސަލާގައި ޖަވާބުދާރީވާން ރައީސް ނަޝީދަށް 30 މިނެޓު ލިބޭނެ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ކުރުމަށް އެމްޑީޕީން ވަނީ ތުރީ ލައިން ވިޕެއް ނެރެފަ އެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ކުރަން އެމްޑީޕީން ތުރީ ލައިން ވިޕެއް ނެރުނީ އިއްޔެ ބޭއްވި އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމުގަ އެވެ. އެގޮތަށް ފާސް ކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ބައްދަލްވުމުގައި ބައިވެރިވީ 33 މެންބަރުންނެވެ.