ރާއްޖެ އަބަދުވެސް މަސައްކަތް ކުރާނީ ހުރިހާ ގައުމުތަކަކާ ވެސް ގާތް ގުޅުމެއް ބާއްވަން ކަމަށާއި ދޭދޭ ގައުމުތަކުގެ ހަމަނުޖެހުންތަކަށް ވަންނަ ވަރަށް ވުރެ ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ ދޭދޭ ގައުމުތަކުގެ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއަށް ވަންނަ ވަރަށް ވުރެ ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށެވެ. އަދި ރާއްޖެއިން މަސައްކަތް ކުރާނީ ހުރިހާ ގައުމުތަކަކާ އެކު ވެސް ގާތް ގުޅުމެއް ބޭއްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ވަކި ގައުމަކަށް ބަރޯސާވެގެން އޮންނަ ގައުމެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކާ ދޭދޭ ގައުމުތަކުގެ ދެމެދުގައި ހިނގާ ބޮޑެތި ހަމަނުޖެހުންތަކުގެ ތެރެއަށް އެއްގޮތަކަށް ވެސް ދިވެހިރާއްޖެއިން ވަންނަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސަތު ގަބޫލު ކުރާ އަދި ރާއްޖެއަށް އިހުތިރާމް ކުރާ ކޮންމެ ގައުމަކާ އެކު ހަރުދަނާ ރަނގަޅު ގުޅުމެއް ބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ ދެ ގައުމު ގުޅުމަކީ ވެސް ދެ ފަރާތަށް ފައިދާ ހުރި ގުޅުމަކަށް ވުން ގައުމުތަކުގެ ދެެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ވާދަވެރިކަމުގެ ތެރެއަށް ވަންނަން ރާއްޖެއިން ބޭނުމެއް ނުވޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ގައުމަކަށް ހާއްސަ އިސްކަމެއް ދޭނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތުކަމަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.