އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ލަފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ދެ ކަމެކެވެ. އެއީ މި އަހަރުގެ ބާކީ ހަރަދުތައް ހަމަޖެއްސުމަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމާއި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހެޅުމެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، މިއަދުގެ ޖަލްސާއަށް ވަޑައިގެން ބަޖެޓު ހުށަހަޅަން ވަޑައިނުގަންނަވަން އަމީރަށް އޭޖީ ލަފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހެ އެވެ.

އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ މިދިޔަ އާދިއްތަ ދުވަހާއި އިއްޔެ އެޖެންޑާ ކުރި ނަމަވެސް އެ މައްސަލަ ކުރިއަކަށް ނުގެންދެ އެވެ. އެއީ މަޖިލިހުގެ ނައިބު ރައީސް ސަލާމް ވިދާޅުވެފައިވާތީ އެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ އެ ދެ ޖަލްސާ ވެސް ބާއްވަން އުޒުރުވެރިވެފަ އެވެ.

އެމްޑީޕީގެ މެމްބަރުން ތިއްބެވީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އެހެން ކަމެއް މަޖިލިހުގައި ކުރަން ދެކޮޅު ހައްދަވައިފަ އެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ މައްސަލާގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދާ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިރު އެ މައްސަލަ ކޯޓުން ވަނީ ބަލައިގެންފަ އެވެ.