މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕެރޯލްގެ ގާނޫނުގެ ދަށުން ދީފައިވާ ލުއިތައް އުވާލާނެ ކަމަށް މޯލްޑިވްސްވް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން ގެއިން ބޭރަށް ނުކުންނެވުމުގެ ހުއްދަ ކަރެކްޝަންސް އިން ދީފައިވަނީ ބޭސްފަރުވާގެ ކަންކަމަށް އެކަންޏެވެ. އަދި އެމަނިކުފާނުގެ ހަރަކާތްތައް މޮނިޓާ ކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިިދާޅުވީ ރައީސް ޔާމީންއަށް ލުއި ދެއްވާފައިވަނީ ބޭސްފަރުވާގެ ކަންކަން ކުރުމަށް އެކަނި ކަމަށެވެ. އަދި ސިޔާސީ އެއްވެސް ކަމެއް ކުރަން އިގުރާރުވެވިފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން "ހުރިހާ" އަށް ވިދާޅުވީ ރައީސް ޔާމީންއަށް ލުއި ދީފައިވާ އިގުރާރާ ހިލާފަށް އެމަނިކުފާނުގެ އަމަލުތައް ބަހައްޓަމުންގެންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ސިޔާސީ ހަރަކާތް ނުހިންގުމަށާއި އެކަންކަން ތަކުރާރު ނުކުރުމަށް އެދި އެމަނިކުފާނަށް މިހާރު ވާނީ އިންޒާރު ދީފައި ކަމަށްވެސް ޔުސްރީން ވިދާޅުވި އެވެ.

"އިގުރާރާ ހިލާފަށް އަމަލުތައް ބަހައްޓަމުންދާކަން ފާހަގަ ކުރެވި އިގުރާރާ އެއްގޮތަށް އަމަލުކުރުމަށް ވާނީ އަންގާފައި. އަދި އިގުރާރާ ހިލާފުވާނަމަ އިގުރާރު ބާތިލް ކުރެވޭނެ" ޔުސްރީން ވިދާޅުވި އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނު ގެއަށް ބަދަލު ކުރީ މި މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން، ކަރެކްޝަންސް އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ މަނިކުފާނުގެ ބަންދަށް އަނެއްކާވެސް ލުޔެއް ދީ، އެ އިދާރާއަށް އެންގުމަށްފަހު ސިއްހީ ކަންކަމުގައި ގެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފަ އެވެ.