ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ވެސް އެޖެންޑާކުރި އެވެ. އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވުމުގެ ސަބަބުން މިއަދު ޖަލްސާ ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މާދަމާއަށް ޖަލްސާއެއް ތާވަލްކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން ވަނީ މަޖިލީހުގައި އެދިފަ އެވެ. އަދި މައްސަލަ އެޖެންޑާ ކުރުމަށް ގޮވާލާ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީން އެދިފައިވާތީ މާދަމާ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިއުމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އެމްޑީޕީން އެގޮތަށް އެދިފައި ވާތީ ބުރާސްފަތި ދުވަހު ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށެވެ.

މިހާރު ވަނީ މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖްންޑާ ކޮށްފަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެކުރިން ތާވަލުކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ދުވަހުގެ ޖަލްސާއަށް ސަލާމް ފޮނުއްވަވާފައިވާތީ އެ ޖަލްސާތައް ވަނީ ކެންސަލްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މި މަހުގެ 9 ވަނަ ދުވަހު އެވެ.

ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތުރީލައިން ވިޕް ނެރެފަ އެވެ. ތުރީލައިން ވިޕް ނެރުމާ ގުޅިގެން ނަޝީދު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަޖުބޫރުވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި މިހާރު ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލް ކޮށްފަ އެވެ.