ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރުން މިއަދު އައްޑު ސިޓީ އަށް ވަޑައިގެންފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު އައްޑޫއަށް ފުރާވަޑައިގެންނެވުމުގެ ކުރިން އެއާޕޯޓުގައި ތިއްބަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އައްޑުއަށް މި ކުރާ ދަތުރަކީ އައްޑުގެ ރައްޔިތުންނާ ބައްދަލުކުރުމަށާއި ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރަނީ ޕީޕީއެމްއާ ހިޔާލުތަފާތުވެގެން ނޫން ކަމަށާއި ޕީއެންސީ އަކީ ވެރިކަން ކުރާ ޕާޓީއަށްވާތީ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މަސައްކަތް މިކުރަނީ ޕީއެންސީއަށް 10،000 މެމްބަރުން ހަމަކުރުމަށް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މިދަތުރުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް، ޕީއެންސީ އަށް ހޯދުމަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިންތިހާބީ ރައީސް މުއިއްޒުވެސް އެދިވަޑައިގެންފައި ވަނީ ޕާޓީ އަށް މެމްބަރުން އިތުރު ކުރަން، ޕާޓި އަށް މެމްބަރުން އިތުރު ކުރަނީ ޕީޕީއެމްއާ ހިޔާލު ތަފާތުވެގެންނެއް ނޫން" އަދުރޭ ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ހޮވުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ 20 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ.

ޕީޕީއެމް، ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޑިސެންބަރު 20 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ އިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުންނެވެ.