އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ނަސްރުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

މިއަދު ފާހަގަކުރާ 35 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވައި ކުރެއްވި ޓުވީޓެއްގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ދުވަހުގެ ހެޔޮ ދުޢާ އާއި ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ނަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާ ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމައަށް ދޭނެ ވާހަކަ ދަންނަވަން." އިންތިހާބީ ރައީސް ވިދާޅުވި އެވެ.

ނަސްރުގެ ދުވަހަކީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި، ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރުގައި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައެއް ނުވެ އެވެ. ހާއްސަކޮށް ނަސްރުގެ ދުވަހަކީ ދައުލަތުގެ މީޑިއާއިން ބޮޑެތި ކަވަރޭޖުތައް ގެނެސްދެމުން ދިޔަ ދުވަހެއް ނަމަވެސް، އެއީ އެންމެ އިސްކަންދޭ ދުވަހުގެ ލިސްޓުން ފަހަތަށް ޖައްސާލައި، އެ ދުވަހުގެ ކަވަރޭޖު ދައުލަތުގެ މީޑިއާ އިން ގެނެސްދެމުން ނުދެ އެވެ.