ޝާހްރުކް ޚާންއަކީ މުޅި ދުނިޔޭގައި ވެސް ނަން މަޝްހޫރު ފަންނާނެކެވެ. ދުނިޔޭގެ އެކި ބައްރުތަކުގައި އޭނާގެ ސަޕޯޓަރުން ތިބި ނަމަވެސް މިހާތަނަށް އޭނާ ފެނިފައިވަނީ ހަމައެކަނި ހިންދީ ފިލްމުތަކުންނެވެ.

އެހެން ނަމަވެސް ޝާހްރުކް ޚާންއަށް ހޮލީވުޑްއަށް ވަންނަން ވެސް ރަނުގެ ފުރުސަތުތަކެއް ލިބިފައިވެ އެވެ. އޭގެ ތެރެއިން އެއް ފުރުސަތަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ޕައުލް ޝްރާޑަރް ޑައިރެކްޓް ކުރަން ހަމަޖެހުނު ފިލްމެކެވެ.

ޝާހްރުކް ޚާންގެ އިތުރުން ލިއޮނާޑޯ ޑިކެޕްރިއޯއާއި މާޓިން ސްކޯރްސިސް ވެސް ހިމެނުނު އެ ފިލްމު ހުއްޓާލަން ޖެހުނީ ޝާހްރުކް ޚާންއަށް ފިލްމުގެ ފުރިހަމަ ކޮންޓްރޯލް ނުލިބޭތީ ކަމަށް ޕައުލް ބުނެފައިވެ އެވެ.

"އެކްސްޓްރީމް ސިޓީ"ގެ ނަން ދެވިފައިވާ އެ ފިލްމަކީ އޭޝިއާގެ މީހަކާއި ހުޅަނގުގެ މީހެއްގެ ވާހަކައިގެ މައްޗަށް ބިނާކުރެވުނު ފިލްމެއް ކަމަށް ހަބަރުތައް ބުނެ އެވެ.

މީގެ ކުރިން ޝާހްރުކް ޚާން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ހޮލީވުޑް ފިލްމުތައް ނުކުޅެނީ އިނގިރޭސި ބަހަށް އެހާ ފަރިތަ ނުވާތީ ކަމަށެވެ.