ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އޮތީ އެކުގައިކަން ފާހަގަކުރައްވައި ޕާޓީ ބައިބައި ކުރަން ދައްކާ ވާހަކަތަކަށް ޕާޓީގެ މެމްބަރުން ސަމާލުކަން ނުދިނުމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފި އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން އައްޑޫ ސިޓީއަށް ފެށި ދަތުރުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގައި މިއަދު ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ބައިބައިކުރުމަށް ލީޑާޝީޕްގެ ނަމުގައި އެކިގޮތްގޮތަށް ވާދަވެރި ސިޔާސީ ފަރާތަތްކުން ވާހަކަދައްކަމުން އަންނަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ލީޑާޝިޕާ މެދު ދައްކާ ވާޙަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތަކަށް މެމްބަރުން ސަމާލުކަން ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދެ ޕާޓީގެ ލީޑާޝިޕްވެސް އޮތީ އެކުގައި މަސައްކަތްކުރުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕާޓީ ބައިބައި ކުރުމަށް ދައްކާ ވާހަކަތަކަކީ ވަދަވެރި ސިޔާސީ ފަރާތްތަކުން ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕް އިން އައްޑުއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑު ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާ: ފޮޓޯ ޕީޕީއެމް

"ޕާޓީ ބައިބައިކޮށްލަން އެއްވެެސް ފަރާތަކަށް ފުރުސަތު ނުދެއްވާށޭ. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން މި ގާއިމްކުރި ސަރުކާރު ބަލިކަށިވާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާށޭ. ގޮންޖެހުންތަކާއެކު ދަތުރުކުރި މިސްރާބަށް ވާސިލްވެވުނު. އެއީ ޕާޓީގެ ލީޑަޝިޕާއި، ސަޕޯޓަރުން ދެއްކި ސާބިތުކަމުގެ ސަބަބުން." އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް، ޕީއެންސީ ރޫޅާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ބުނެ އަބްދުއްރަހީމް ވާހަކަ ދެއްކެވީ ރިޔާސީ އިންތހާބުގެ ފަހުން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތާ ގުޅިގެންނެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރަނީ އެ ޕާޓީ ޕީޕީއެމްއަށްވުރެ ބޮޑުކުރުމަށް ކަމަށެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ޕީޕީއެމް މެމްބަރުންގެ ފޯމު ފުރާ ކަމަށް ވެސް ވަނީ އަޑުތައްފެތުރިފަ އެވެ.