އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިސްލާހުގައި ވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާއަށް އަކުރެއް އިތުރު ކޮށްފަ އެވެ. އެގޮތުން މި އިސްލާހުގައި ވަނީ އިންތިހާބުތަކާބެހޭ ޢާންމު ގާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފަ އެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތު ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވާފަ އެވެ.

އެގޮތުން އިންތިހާބުތަކާ ބެހޭ އަންމު ގާނޫނުގެ ގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާޙުގައި ބުނެފައި ވަނީ ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފަ އެވެ.

މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.