މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރަށް ތާއީދު ކުރައްވާ ކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.
އާޒިމާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކެމްޕެއިން ޕޯސްޓަރެއް އާންމު ކުރައްވައިފަ އެވެ. އެ ޕޯސްޓް އާންމު ކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވަނީސް މުއިއްޒު ވަނީ އާޒިމާގެ އެ ޕޯސްޓް އެކްސްގައި ރީޓުވީޓު ކުރައްވައިފަ އެވެ.
އަދި އެކަމާ ގުޅިގެން އާޒިމާ ވަނީ ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.
އާޒިމާ ވިދާޅުވީ މުއިއްޒުގެ ވައުދުތައް ފުއްދެވުމުގައި އެހީތެރިވެ ދެއްވުމުގައި ދެމި ހުންނަވައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.
މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ދެން ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. ހުސެއިން ވަހީދު ވެސް މިހާރު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.
މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސް ވާނީ އެ މަގާމުގައި ހުންނެވި މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ހިސާބުންނެވެ.
އާޒިމާ އާއި ހުސެއިން ވަހީދުގެ އިތުރުން ދެން އެ މަގާމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން ހާމަކުރައްވާފައި ވަނީ ޔޫތު މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު އަހްމަދު މަހްލޫފް އާއި މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު ސައިފް ފާތިހެވެ.
އާޒިމާ ވިދާޅުވީ އެމަގާމަށް ކުރިމަތިލުމަށް، ގަސްދުކުރެއްވީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި މީހަކަށްވެފައި، ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގު ހުރީތީ ކަމަށެވެ. އަދި މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށް އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ގަބޫލުކުރެވި، އެ ކަންކަން ދިވެހި ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނެގުމަށް ބޭނުންވާތީ ކަމަށެވެ.