މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ވަދެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ހައުސިން މިނިސްޓްރީއަށް ވަދެ މިހާރު އަންނަނީ އެ މައްސަލަ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަމުންނެވެ. އެކަމާ ގުޅޭ ގޮތުން އޭސީސީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ހޮނިހިރު ދުވަހު އާންމު ކުރުމުން ގިނަ ބަޔަކު ވަނީ އެ ލިސްޓާ މެދުގައި ހިތްހަމަނުޖެހިގެން ޝަކުވާކޮށްފަ އެވެ. އަދި އެ ލިސްޓާ މެދުގައި ހިތްހަމަނުޖެހިގެން ޕޮއިންޓް ދިން ގޮތުގެ ތަފްސީލް ހާމަކުރަން ގޮވާލައި ހައުސިން މިނިސްޓްރީ އަށް ބަޔަކު ގޮސް އިއްޔެ އިހްތިޖާޖް ވެސް ކުރި އެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރީ ވެސް އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

މިހާރު އޭސީސީން ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުން މަޑުޖައްސާލަން އަންގައިފަ އެވެ.

އޭސީސީން ބުނީ އެކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާތީ ކަމަށެވެ.

"އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓު ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗައަށް މިއަދު ވަނީ އަންގާފައި،" އޭސީސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ވަނީ ލިޔުމެއް ދިނުމަށް ނިންމައިފަ އެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީއަށް އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ލިސްޓް އާންމުކޮށް ފްލެޓް ލިބޭ މީހުންނަށް ޕްއިންޓް ދީފައިވާނީ ފްލެޓަށް ހުށަހެޅި އިރު ފޯމު ފުރާފައިވާ މައުލޫމާތުތަކަށް ބެލުމަށް ފަހު ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށާއި ގެދޮރުވެރިޔާ ޕޯޓަލް ތެރެއިން ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.