ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބަރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައިވާ މައްސަލަ ހައްލުކުރުމަށް ހަތަރު ކަމެއް ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މައްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަނެ މީހަކު ކަނޑައެޅުމަކީ މަޖިލީހުގެ އިދާރާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ބެހޭ މައްސަލައެއްގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭ ހާއްސަ އިޖުރާތެއް ކަނޑައަޅާފައި ވަނިކޮށް އިޖުރަތަށް އަމަލު ނުކުރެވޭ ހާލަތެއްގައި ގަވައިދުގެ 44 ވަނަ މައްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައެޅުމަކީ މަޖިލީހުގެ އިދާރާއަށް ކުރެވޭނެ ކަމެއް ނޫން އެކަން ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުން," ނިއުޝާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބަރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައިވާ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ވެސް ނިއުޝާ ވިދާޅުވި އެވެ.
ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މައްދާގެ (ރ) ގެ ދަށުން އެ ވަގުތު ހުށަހެޅިފައިވާ ކަމަކާ މެދު ބަހުސްކޮށް ގޮތެއް ނުނިންމާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު ކަމަށްވާތީ އެ ހާލަތު އަދި އުފަން ނުވާތީ މިހާރު ދިމާވެފައިވާ މައްސަލައަކީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލުކުރެވުދާނެ މައްސަލައެއް ކަމަށެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ނިއުޝާ ހުށަހެޅުއްވީ:
މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަ އިސްލާހެއް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުން.
ދެވަނަ ކަމެއްގެ ގޮތުގައި ހުށަހެޅުއްވީ:
މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް އާންމު މެމްބަރަކު ގަރާރެއް ހުށަހެޅުން
ތިންވަނަ ކަމެއްގެ ގޮތުގައި ހުށަހެޅުއްވީ:
މަޖިލީހުގެ ގަވާއިދުގެ 249 ވަނަ މާއްދާގެ (ށ) ގެ ދަށުން ގަވާއިދަށް ގެންނަން ފެންނަ އިސްލާހު މައްސަލައެއްގެ ގޮތުގައި ހުށަހެޅުން.
ހަތަރުވަނަ ކަމެއްގެ ގޮތުގައި ހުށަހެޅުއްވީ:
މަޖިލީހުގެ ގަވާއިދުގެ 250 މާއްދާގައި އަމަލުކުރާނެ ގޮތެއް ނެތުމުން، އެކަމާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޖިލީހުން ވަކި ގޮތެއް ނިންމުން.
މަޖިލީހުގެ ގަވާއިދު އިސްހާލު ކުރުމަށް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި މައްސަލައެއް މިހާރު ވެސް މަޖިލީހުގެ ނިޒާމުގެ ތެރޭގައި އެބަ އޮތްކަން ނިއުޝާ ފާހަގަ ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ވަނީ ބައްވައިފަ އެވެ. އަދި މައްސަލައިގެ އަޑުއެހުންތައް ވެސް މިއަދު ވަނީ ނިންމާލައިފަ އެވެ.