ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓުތަކަށް ޕޮއިންޓް ދީފައިވާ ގޮތް މާދަމާއިން ފެށިގެން ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ސަރުކާރުން އަޅަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރުމާ އެކު ފްލެޓުތައް ބަހާލީ އިންސާފުން ބޭރުން ކަމަށާއި އެކަމުގައި އޮޅުވާލާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ރައްޔިތުން ކުރަމުން އަންނަ ޝަކުވާތައް ނުބަލައި ފްލެޓްތައް ދޫނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ އަންގައިފަ އެވެ. ހައުސިން މިނިސްޓްރީން ވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ދާއިމީ ލިސްޓަށް މިހާތަނަށް ލިބިފައިވާ ޝަކުވާތަކަށް ބަލާއިރު، އެ ލިސްޓަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް ކަމަށެވެ.

އާރިފް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައިގަނޑު ޝަކުވާތައް ހުށަހަޅާފައި ހުރީ، މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅޭތީ ޕޮއިންޓް ލިބުނު ވަރު މަދުވެގެން ކަމަށެވެ. ނަމަވެސް އެ މުއްދަތު ދިގު ވުމަކީ، އުސޫލުގައިވާ ގޮތުން ޕޮއިންޓް އިތުރަށް ލިބެން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން ކޮޓަރީގެ އެޕްލިކޭޝަންތަކުން މިހާތަނަށް ގާތްގަނޑަކަށް 2،000 ޝަކުވާ ލިބުނު އިރު، ދެ ކޮޓަރީގެ ފްލެޓުތަކުގެ ފޯމުތަކުން 900 ޝަކުވާ ލިބިފައިވާ ކަމަށެވެ.

"ރޭންޑަމްކޮށް މިތަނަށް އަންނަން ވެގެން ޗެކްކޮށްލި އިރުގައި ބައެއް ބޭފުޅުން ބުނެފައި އެބަހުރި ތިމަންނައަށް ލިބެން ޖެހޭނެއޭ މިހާ ވަރުގެ ސްކޯ. ދެން އަޅުގަނޑުމެން އެބޭފުޅާގެ ފޯމް ހުޅުވާލާފައި ބަލާލިން. ޖަވާބުދޭކަށް ނޫން. މައުލޫމާތަށްޓަކައި ބަލާލިއިރުގައި އެބޭފުޅާ ފޯމްގައި ދެއްވާފައިވާ މައުލޫމާތުން އެބޭފުޅާ އަށް ލިބޭ ވަރަށް ލިބިފައި ހުރީ. އެކަމަކު، މީތި ރިއަލައިޒްވެގެން މިއުޅެނީ ފަހުން ކަމަށް ވެދާނެ. އަޅުގަނޑުމެން މިއުޅެނީ ސްކޯރިން ރިޕޯޓު ޕޯޓަލަށް ވަނީމަ ކޮންމެ ބޭފުޅަކަށް ވެސް ދައްކާލަ ދޭން،" އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ ފްލެޓު ދިނުމުގެ ކަންކަން ނިމިގެން ދާން ބޭނުން ވަނީ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން ނުލިބޭ ގޮތަށް ކަމަށެވެ.

ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކުރި އިރު ހަމައެކަނި ކަނޑައަޅާފައި ވަނީ އެމީހަކީ ޝަރުތު ހަމަވާ މީހެއްތޯ ނުވަތަ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގަ އެވެ. އެ މީހަކަށް ލިބުނު ޕޮއިންޓް ފެންނަނީ ޕޯޓަލުންނެވެ. އެކަމަކު، ދާއިމީ ލިސްޓް އާއްމުކުރިއިރު ކޮންމެ މީހަކަށް ވެސް ލިބުނު ޕޮއިންޓް އާއްމުކޮށްފައިވެ އެވެ. އެކަމަކު ޕޮއިންޓް ދީފައި ހުރި ގޮތުގެ ތަފްސީލެއް ނެތެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެ އެވެ.