އެމްޑިޕީގެ އިސް ބޭފުޅުންނަށް ބޭރު ގައުމުތަކަށް ދަތުރު ނުކުރެވޭވަރު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މިއަދު ނަޝިދު ފޮނުއްވި މެސެޖްއެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރަގެ މެމްބަރު މުހައްމަދު އަސްލަމް އަށް އިޝާރާތް ކުރައްވާ ނަޝިދު ވިދާޅުވީ، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ހުރިހާ ތަނަކުން ވަކިކުރާނެ ކަމަށެވެ.

އެމްޑީޕީގެ އިސްވެރިންނަށް ބޭރުގެ އެއްވެސް ގައުމަކަށް ނޭރޭވަރު ކުރާނެ ކަމަށްވެސް ނަޝީދު އަސްލަމްއަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.

"އަސްލަމް، ތިޔަ ހުރިހާ ތާކުން އެމްޑީޕީ މީހުން ވަކި ކުރާނަން، އަދި ބޭރު ގައުމަކަށް ނޭރޭ ވަރު ކުރާނަން" ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ގެއްލުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީއަށް ކުރިމަތިވާން ހުރިކަންކަމާ ބަލާއިރު އަދި ކުޑަ މިންވަރެއް ކަމަށެވެ.

ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް ނަޝީދު މިވަގުތު ހުންނެވީ ދުބާއީގަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ.

އެމައްސަލައިގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.