ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގެންފި އެވެ.

މުލިއާގެއަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގެން ދިރިއުޅުން ބަދަލުކުރެއްވީ ފަސްޓްލޭޑީ ފަޒްނާ އަހުމަދުގެ އާއިލީގެއަކަށެވެ. އެމަނިކުފާނު ވެރިކަމަށްވަޑައިގެންނެވުމުގެ ކުރިން ވެސް ދިރިއުޅުއްވީ އެގޭގަ އެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންނެވީ ހުވާކުރެއްވުމަށް ފަހު ނޮވެމްބަރު 30، 2018 ގަ އެވެ.

މިހާރު ކުރިއަށް މިދަނީ ވެރިކަންބަދަލުވުމުގެ މަރުހަލާއަށް ވާއިރު އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ހުވާކުރެއްވުމަށް ފަހު ދިރިއުޅުއްވާނެ ކަމަށް ބެލެވެނީ މުލިއާގޭގަ އެވެ.

މުލިއާގޭގައި އެންމެ ފުރަތަމަ ރައީސަކަށް ދިރިއުޅުއްވަން ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެކަމަކު، އެމަނިކުފާނު އެތަނުގައި ދިރިއުޅުއްވީ ވަރަށް ކުޑަ ދުވަސްކޮޅެއްގަ އެވެ. ތީމުގޭ މަރާމާތު ކުރެއްވުމަށް އެމަނިކުފާނު ވަނީ އޭގެ ފަހުން އެ ތަނަށް ބަދަލުވެވަޑައިގެން ފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ފުރަތަމަ ހުންނެވީ އަމިއްލަފުޅު ގޭގަ އެވެ. އެއަށްފަހު މުލިއާގެއަށް ބަދަލުވެވަޑައިގެންނެވި އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރައީސް ކަމަށް ވަޑައިގެން ބޭނުން ކުރެއްވީ ހިލާލީގެ އެވެ.

ވަހީދުގެ ވެރިކަމަށް ފަހު، ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވި އަބްދުﷲ ޔާމީން ދިރިއުޅުއްވީ އަމިއްލަފުޅު ގޭގަ އެވެ. މުލިއާގެ ބޭނުން ކުރެއްވީ އެމަނިކުފަނުގެ ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގެވުމަށެވެ.