ބޭރު ގައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެނބުރި ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން އަންގަން ފަށައިފި އެވެ.

އެމްބަސީތަކުގައި ސިޔާސީ ގޮތުން އައްޔަން ކޮށްފައި ތިބި މުވައްޒަފުން މިމަހުގެ 18 ގެ ކުރިން އެނބުރި ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން އަންގަމުން ދަނީ އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވާތީ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވަނީ ރާއްޖޭން ބޭރުގެ އެމްބަސީތަކުގައި ތިބި ވަކިވަކި ބޭފުޅުން އެންބުރި ރާއްޖެއައުމަށް ފޮރިން މިނިސްޓްރީއަށް އަންގާފަ އެވެ. އެ އެންގުމާ އެއްގޮތަސް ފޮރިން މިނިސްޓްރީން މިހާރު ވަނީ ބައެއް ބޭފުޅުންނަށް ރާއްޖެއައުމަށް އެދި ސިޓީ ފޮނުވަން ފަށައިފަ އެވެ.

ރިޔާސީ އާ ދައުރާއެކު އެމްބަސީތަކަށް ސިޔާސީ ގޮތުން އައްޔަން ކޮށްފައިވާ މުވައްޒަފުންވެސް ބަދަލުވާނެ އެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށް މިސަރުކާރުން ވަނީ އެމްބަސީތަކުގެ ސިޔާސީ މަގާމުތައް އިތުރުކޮށް މީހުން އައްޔަންކޮށްފަ އެވެ