ޖުމްހޫރީ ދުވަހުގެ ފޮނި މީރުކަން ލިބޭނީ ރައްޔިތުންނާއި ސަރުކާރު ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޑރ. މުއިއްޒު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ގައުމަށް ހަމަޖެހުމާއި ކުރިއެރުން ބޭނުންވާ ކަމަށެވެ. ގައުމަށް ހަމަޖެހުމާއި ކުރިއެރުން އެދޭނަމަ، އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރުމަށް އިންތިހާބީ ރައީސް ގޮވާލެއްވި އެވެ.

ޖުމްހޫރީ ވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދަނީ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ގައުމަށް ހަމަޖެހުން ބޭނުންވޭ. ގައުމު ކުރިއަރުވަން އެންމެން އެކަތި ގަނދަކަށް ވާންޖެހޭ. އެހެންވީމާ މިގޮތުގައި ކުރިއަށް ދިއުމަށް ޖުމްހޫރީ ދުވަހުގެ ފޮނިމީރުކަން ލިބޭނީ ރައްޔިތުންނާއި ސަރުކާރު ގުޅިގެން މަސައްކަތް ކޮށްގެން." މުއިއްޒު ވިދާޅުވި އެވެ.

މިއަދާ ހަމައަށް ޖުމްހޫރީ ވެރިކަމެއް ރައްޔިތުންނާ ހަމައަށް އައީ އެތައް ބަޔަކު މަސައްކަތް ކޮށްގެން ކަމަށާއި މިއަދާ ހަމައަށް ޖުމްހޫރީ ނިޒާމް ގެނެސްދިނުމަށް މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނާ އަދި ޖުމްހޫރީ ވެރިކަން މިހާ ހިސާބަށް ގެނެސްދެއްވި ހުރިހާ އެންމެންނަށް ޝުކުރު ދަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިއަދު ފާހަގަ ކުރާ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހާ ރައްޔިތުންނަށް އަރިސްކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިއަދު ފާހަގަކުރަނީ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހެވެ.