އެމްޑީޕީން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށައެޅި މައްސަލަ އަނެއްކާ ވެސް އެޖެންޑާކޮށް މިއަދު އިތުރު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ރައީސް ނަޝީދު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ،އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައި، މިއަދު ހެނދުނު ބޭއްވި މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެ ޖަލްސާ ވަނީ ނިންމާލައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފު، ޝަރުތު ފުރިހަމަ ނުވާ ގަރާރެއް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވާފައި ވަނީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އެ ޖަލްސާ އެގޮތަށް ނިންމާލުމުން އެމްޑީޕީގެ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކޮށްފަ އެވެ.

ނަމަވެސް މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާކޮށްފަ އެވެ. އެގޮތުން މިއަދުގެ 11:30 އަށް މަޖިލިސް ޖަލްސާއެއް ބާއްވަން ވަނީ އެޖެންޑާ ކޮށްފަ އެވެ.