އާސަރުކާރުގައި ދައުލަތުގެ 8 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާތަކާ އެކު މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައެވެ.

ސަރުކާރުގެ މަތީފަޑިގައި އަންހެން ބޭފުޅުން އިތުރު ކުރުމަކީ ޑރ. މުއިއްޒު ކެމްޕެއިން ތެރޭގައިވެސް ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ދައުލަތުގެ މީޑިއާ ހިމެނޭ ގޮތުން ދައުލަތުގެ 8 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށެވެ. އަދި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާކަމުގެ މަގާމުގައިވެސް ހުންނަވާނީ އަންހެން ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކެބިނެޓްގެ ތިން ވުޒާރާއެއްގެ ވަޒީރުންގެ ގޮތުގައިވެސް އަންހެން 3 ބޭފުޅުން ތިއްބަވާނެ ކަމަށެވެ. ދައުލަތުގެ 8 ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެ ކަމަށާ އެނޫންވެސް އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތުތައް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދައުލަތް ހިންގުމުގަޔާއި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ވަކީން ހާއްސަކޮށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވީހާވެސް ގިނަ އަންހެނުން ނިކުންނެވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

"އަންހެން ބޭފުޅުން މަތީފަޑީގަ ޓޮޕް މެނޭޖްމަންޓުގަ އިތުރު ކުރުމަކީ އަޅުގަނޑުވީ ވައުދެއް. އެކަން ކުރަން ބޭނުންވަނީ އަންހެން ބޭފުޅުންނަކީ ދައުލަތް ހިންގުމުގަ ފުރިހަމަ ހިއްސާ ދެވެންޖެހޭ ބައެއް ކަމުގަ އަޅުގަނޑު ގަބޫލު ކުރާތީ އަޅުގަނޑު ބޭނުން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައިވެސް ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވާން" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ކެބިނެޓްގައި ތިއްބަވާނެ ބޭފުޅުންގެ ލިސްޓެއް މިފަހުން ސޯޝަލް މީޑިއަގައި ވަނީ އާންމުވެފައެވެ. އެލިސްޓުގައި 3 މުޒަރާއެއް ފިޔަވާ ތިއްބެވީ ފިރެހެން ބޭފުޅުންނެވެ. ކެބިނެޓުގައި ތިއްބަވާނެ ބޭފުޅުން ކަމަށް ބުނެ އާންމު ވެފައިވާ ލިސްޓުގެ 95 އިންސައްތަ ރަނގަޅު ކަމަށެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން ކެބިނެޓުގައި ތިއްބަވާނެ ކަމަށާއި ކުދިކުދި ބަދަލު ތަކެއް އަތުވެދާނެ ކަމަށް ވިދާޅުވި އެވެ.