ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މުޅި ދައުރު ނިންމާލެއްވީ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގެ ފުރުސަތު ނުދިނުމަށް ރާވައި އެކަން ތަންފީޒު ކުރުމުގައި ކަމަށާއި އެކަމަށް ބޭނުންކުރި ހަތިޔާރަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑު މައްސަލަ ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތަށް ރައީސް ސޯލިހު މައާފު ދެއްވައި މިނިވަން ކުރުމާ ގުޅިގެންނެވެ.

ޑރ. ޖަމީލް ވިދާޅުވީ ގައުމެއްގެ ހައިސިއްޔަތުން މިއަދު ވާނީ ހުތުރު ދުވަހަކަށް ކަމަށެވެ. އަދި ރައީސް ސޯލިހުގެ މުޅި ދައުރު ނިންމާލެއްވީ ރައީސް ޔާމީނަށް އިންތިހާބުގެ ފުރުސަތު ނުދިނުމަށް ރާވައި އެކަން ތަންފީޒު ކުރުމުގައި ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތަކީ އެކަމަށް ބޭނުންކުރި ހަތިޔާރު ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

މިއަދު ރައީސް ޔާމީނުގެ އިސްތިއުނާފު ދިގުދެމި އަދިވެސް ޖަލު ހުކުމުގައި ހުންނެވިކަން ޑރ. ޖަމީލް ފާހަގަ ކުރައްވާ ވިދާޅުވީ އަދީބުގެ ޓެރަރިޒަމްގެ ކުށްފަދަ ބޮޑެތި ކުށްތައް ވަނީ ޕާކުކޮށްފައި ކަމަށާއި ބޮޑު ޚިޔާނާތުގެ ހުރިހާ ދައުވާތަކަށް ގަނޑުކޮށް އަދަބު ކަނޑައަޅައި މިއަދު މާފު ކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހު އެ ވިދާޅުވާ އަމާން ރާއްޖޭގައި ހިދުމަތްތެރި ރައީސް ޔާމީނަށް ދިނީ އަނިޔާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

އަދީބާއި ޒިޔަތަށް މައާފު ދީފައި ވަނީ, ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައި ވަނީ 2020 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ދައުލަތާ އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.

ޒިޔަތު ވެސް ގެންދެވީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޒިޔަތު ވެސް ހުންނެވީ ގޭބަންދުގަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ޔާމީންގެ ފަރާތުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އިސްތިއުނާފް މައްސަލަ މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ މައްސަލާގައި ފަހު ބަސް އިއްވުމެވެ. އަދި އެއަށްފަހު އޮންނާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތެވެ.