ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މެންބަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި އަމަލުކުރަން ނިންމާފައިވާ ކަމަށް މަޖިލީހުގެ އާ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހަކީ ގިނަ ސިޔާސީ ޕާޓީތައް ތަމްސީލްކުރާ ތަނަކަށްވީ ނަމަވެސް މަޖިލީހުގައި ހަމައެކަނި ކުރަން ޖެހޭނީ ސިޔާސީ މަސައްކަތްތަކެއް ނޫން ކަމަށެވެ. އެހެން ކަމުން މަޖިލިހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ދިޔުމަށް ޓަކައި މަޖިލިހުގެ ނިޒާމު ނުގެއްލި އޮންނަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންވެ މަޖިލީހުގެ ނިޒާމު ނުގެއްލި އޮތުމަށް ފިޔަވަޅުތަކެއް އަޅަން ވިސްނަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ގާނޫނު ހެދުމުގައްޔާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުހިންމު މަސައްކަތްތަކެއް މި މަޖިލީހުން ކުރާއިރު މަޖިލިސްގެ ރައީސްއެކޭ އެއްގޮތަށް ކޮންމެ މެންބަރެއްގެ ވެސް ޒިންމާއެއް އެއީ މަޖިލިސް ނުހުއްޓި މިތަނުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ. މިކަމުގައި ހުރިހާ މެންބަރުންގެ އެއްބާރުލުން ލިބޭނޭކަމަށް އުންމީދުކުރަން،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ އެ ގޮތުން ބައެއް ފިޔަވަޅުތައް އަޅަން ގަސްތުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އޭގެ އެއް ފިޔަވަޅެއްގެ ގޮތުގައި މީގެ ކުރީގެ މަޖިލިސްތަކުގައި މަސައްކަތް ކުރެވިފައިވޭ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ހ، 2 ގައި ބަޔާންކުރާ މަޖިލީހުގެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ ކަންކަމުގެ ގަވާއިދެއް އެކުލަވާލުމަށް. މީގެ ކުރީގެ މަޖިލިސްތަކުގައި އެކަމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައި. އެހެން ނަމަވެސް މި 19 ވަނަ މަޖިލީހުގައި އެކަމަށް މަސައްކަތްތަކެއް ކުރެވިފައި ނެތީމަ ގާނޫނު އަސާސީގައި ބަޔާންކުރާ މި ދެންނެވި މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ ގަވާއިދުގެ މަސައްކަތް އަޅުގަނޑުކޮށް ތިބޭފުޅުންގެ އެއްބާރުލުމާ އެކު އެ ގަވާއިދު ފާސްކުރެވޭތޯ ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، މަޖިލީހަށް ހާޒިރުކުރެވޭ ވަޒީރުންނާއި އެހެނިހެން ފަރާތްތްތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށާއި، އެފަދަ ފަރާތްތަކަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ދިނުމަށް އެ ފަރާތްތައް ހާޒިރުކުރުމުގައި ޝާމިލްވާ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް އަމުރުކުރައްވާ ކަމަށް ވިދާޅުވި އެވެ.