އެމްއެމްޕީއާރުސީގެ ވައްކަމުގެ މުގުލުގައި ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދިނުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާ އެކަމަކު އެކަމުގައި އެމަނިކުފާނުގެ ދައުރެއް އޮތް ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބާއި ޒިޔަތަށް ރައީސް މައާފު ދެއްވައު އެ ދެ މީހުން މިދިޔަ ހޯމަ ދުވަހު ވަނީ މިނިވަން ކޮށްފަ އެވެ.

އެކަމާ މެދު ގިނަބަޔަކު އަންނަނީ ހިތްހަމަނުޖެހިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިޔަމުންނެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް އަދި އަދީބުގެ ކުރީގެ ވަކީލް ހުސައިން ޝަމީމް އަމިއްލަ ބްލޮގްގައި ވިދާޅުވެފައިވަނީ އަދީބު އާއި ޒިޔަތު މިނިވަންކުރުމުން ކަންބޮޑުވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އެއްވެސް ދައުރެއް އޮތް ކަމަށް އޭނާ އެއްބަހެއް ނުވެ އެވެ.

ޝަމީމް ވިދާޅުވެފައި ވަނީ އެމީހުން މިނިވަން ކުރީ ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އަދި ކްލެމެންސީ ބޯޑުގައި ޕްރޮސިކިއުޓާ ޖެނެރަލް ތަމްސީލުކުރާ މީހަކު ނީންނަ ކަމަށާއި މައްސަލައެއްގައި ހުކުމެއް ކުރުމަށްފަހު، އެ ހުކުމަށް ދެން ހަދާ ގޮތަކީ، ޕީޖީ އޮފީހުގެ ދައުރެއް އޮންނަ ކަމެއް ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އެމީހާ ހުކުމް ތަންފީޒުކުރަނީ ޖަލުގައިތޯ، ގޭގައިތޯ އެއީ ޕީޖީ އޮފީހުގެ ބަހެއް ހޯދަންޖެހޭ ކަމެއް ނޫން. އެކަން ކުރައްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން. އެކަމާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ދެވޭނީ ވެސް އެ ސާވިސްއަށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވެފައިވަނީ މިފަހުން ވެސް ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ބަޔަކަށް ލުއި ދީފައިވާ ކަމަށާ އެކަމުގައި ވެސް ޕީޖީގެ އެއްވެސް ލަފައެއް ހޯދާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ޕީޖީގެ ލަފާ ހޯދަން ވެސް ނުޖެހޭ ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ.

ޝަމީމް ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ހެދިއިރު، ޕްރޮސިކިއުޓާ ޖެނެރަލެއް ހުންނާނެކަން އެނގިހުރެ، ޕީޖީގެ ދައުރެއް ނޯންނަގޮތަށް ގާނޫނު ލިޔުނީ ކޮންމެ ވެސް މުހިންމު މަގުސަދެއް ހާސިލުކުރަން ކަމަށް ބަލަންޖެހޭ ކަމަށެވެ.

އަދީބާއި ޒިޔަތަށް މައާފު ދީފައި ވަނީ, ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ރައީސް ވަނީ އަދީބު އާއި ޒިޔަތުގެ ޖަލުހުކުމް ލުއިކޮށްދެއްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.

ޒިޔަތު ވެސް ގެންދެވީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޒިޔަތު ވެސް ހުންނެވީ ގޭބަންދުގަ އެވެ.

ޒިޔަތު މިނިވަންވި އިރު އޭނާގެ މައްޗަށް އިތުރު ތިން ދައުވާއެއް ކުރުމަށް ޕީޖީ އޮފީހުން ވަނީ ކޯޓަށް ފޮނުވައިފަ އެވެ.