އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތަކާއި ދެއްކެވި ވާހަކަތައް ހިމަނުއްވާފައިވާ ހާއްސަ ފޮތެއް މިރޭ އިފްތިތާހުކޮށްފި އެވެ.

މި ފޮތް ނެރުނީ ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން، އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާ އެއްގައެވެ. މިފޮތް ނެރެދެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

މިފޮތުގައި ޖުމުލަ 953 ސޮފުހާ ހިމެނޭއިރު ފޮތުގައި މުއިއްޒުގެ ވާހަކަފުޅުތަކުގެ އިތުރުން އެ މަނިކުފާނު ކެމްޕޭންގައި ވަޑައިގެންނެވި ކޮންމެ ރަށަކާ ގުޅޭ ހަނދާނީ ފޮޓޯތަކާއި އެ ރަށާއި އަތޮޅާއި ގައުމަށް ވެވަޑައިގެންނެވި ވައުދުތައް ވަކިން ލިޔުއްވާފައިވެ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދެއްކެވި ވާހަކަ ފުޅުތަކާއި ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާ ނެރުއްވި ހާއްސަ ފޮތް

މިފޮތުގައި މުއިއްޒު ކެމްޕެއިނުގައި ވަޑައިގެންނެވި 153 ރަށާއި ފަސް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި 205 ފަހަރު ރައްޔިތުންނާ މުހާތަބު ކުރައްވާފައިވެ އެވެ.

މުއިއްޒުގެ ކެމްޕޭންގައި ވެސް ތަކުރަރުކޮށް ދެއްކެވި ވާހަކަ އަކީ އެމަނިކުފަނު ވެވަޑައިގަންނަވާ ކޮންމެ ވައުދެއް ފުއްދަވާނެ ކަމަށެވެ. އަދި އެވައުދުތައް ރައްޔިތުންނަށް ސިއްރުކޮށްފައި ނުވަތަ ފޮރުވާފައި ނުބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.