މިދުވަސްވަރު މާލޭގައި ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން އަޖީއެމްއެޗްގެ އޮޕީޑީގެ ހިދުމަތްދޭ ވަގުތު މަދުކޮށްފި އެވެ.
އައިޖީއެމްއެޗް އިން ބުނިގޮތުން ގިނަ އޯޕީޑީތަކުން މިއަދުން ފެށިގެން މީހުން ބެލުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ން މެންދުރު 2:00 އަށެވެ. އަދި އޯޕީޑީތަކުގެ ވެއިޓިން އޭރިއާގައި އެއްވަގުތެއްގައި މަޑުކުރާ ބަލި މީހުން މަޑުކުރުމުގެ ގޮތުން އެޕޮއިންޓްމަންޓްތައް އެކި ގަޑިގަޑިއަށް ބަހާލައިގެން މީހުން ގެނައުމަށް ގެނައުމަށް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން އައިޖީއެމްއެޗް އިން ވަނީ ދުރާލާ ރޭވިގެން ކުރާ ރޫޓީން އޮޕަރޭޝަންތައް މިދުވަސްކޮޅަށް މަދުކުރަން ނިންމާފަ އެވެ.
ކޮވިޑް ފެތުރުން މަދުކުރުމަށް އައިޖީއެމްއެޗް އިން ވަނީ ހުމާއި ރޯގާފަދަ އަލާމާތެއް ހުރިނަމަ ފްލޫ ކުލިނިކަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލިފެތުރުން މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއެކޭ ވެސް އެއްގޮތައް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ވަންނަ ފަރާތްތައް ހުމާއި ރޯގާގެ އަލާމާތްތަކަށް ސްކްރީން ކުރުމަށް ވަނީ ނިންމާފަ އެވެ.
ކޮވިޑް ފެތުރުން މަޑުކުރުމަށްޓަކައި އޭޑީކޭ އިންވެސް ވަނީ އެތަނުގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. މިގޮތުން އޯޕީޑީގެ ހިދުމަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިނުން މިވަގުތައް ވަނީ ހުއްޓާލާފަ އެވެ.
ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ފެތުރުން އިތުރުވެ، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޖެހިޖެހިގެން 100 އަށްވުރެ މަތީގައި ހުންނަތާ ހަފްތާއެއް ވެއްޖެ އެވެ.