މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސް ކުރި 6.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދިނުމަށް ހިމަނައިފި އެވެ.

މީޑިޔާތަކަށް ބަޖެޓެއް ދިނުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

އެ އިސްލާހުގައި ވަނީ ބަޖެޓު ކޯޑު ނަންބަރު 1265، ހާއްސަ ބަޖެޓުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ހިންގާ ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދިނުމަށެވެ.

އެ އިސްލާހު ކޮމިޓީން ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހަށް ވޯޓު ނުދެއްވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

މަޖިލިހުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 42.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި 6.5 ބިލިއަން ރުފިޔާއާ އެކު މިއަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓު ފާސް ކުރީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބަޖެޓަށް އެމްޑީޕީ އާއި ޕީޕީއެމް އާއި އެމްއެންޕީގެ މެމްބަރުން ވޯޓު ދެއްވި އިރު، ވޯޓު ނުދެއްވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.