މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ބަދުނާމު އަޅުވައި ތުހުމަތު ކުރެވުނު ތިޖޫރީ އާއިއާރުޑީސީގެ 13 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވުމުގެ މައްސަލަ ބަލައި ކުށްވެރިވާނަމަ އިންސާފު ގާއިމުކޮށްދެއްވުމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވެއްޖެ އެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މިއަދު ބޭއްވި ވަދާއީ ހަފުލާގައި މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ މާދަމާ ވެރިކަމުގެ ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދަޢުރަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި އެދެނީ ކާމިޔާބާއި ކުރިއެރުން ދިވެހިންނާއި ރާއްޖެއަށް ލިބިގެން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެބޭފުޅާ އާރުޑީސީގެ އެމްޑީގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ބަދުނާމު އަޅުވައި ތުހުމަތު ކުރެވުނު ތިޖޫރީ އާއި 13 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވުމުގެ މައްސަލަ ބައްލަވައި ދެއްވައި އެކަމުގައި ކުއްވެރިވާނަމަ އިންސާފު ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ނެތް އެއްޗެއް ވުޖޫދުކޮށް ފަންނީ އެތަކެއް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތު ތަކެއް ފަހި ކޮށްދީފައިވާ ކަމަށާ ދިވެހި ޒުވާނުންނަށް ކޮންމެ ފަދަ މަސައްކަތެއްވެސް ފުރުސަތު ލިބިއްޖެނަމަ ކުރެވޭނެކަން ސާބިތު ކޮށްދީފައި ވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނެތް އެއްޗަކުން އެއްޗެއް އުފެއްދުމަށް ހުރިހާ މުވައްޒަފުން ކުރި ހިތްވަރާއި އޮހޮރުވި ދަލަކީ ފަޚުރުވެރި ވާހާ ހިތްގައިމު ވާހަތައް. ކުންފުނީގެ ދަރަޖަ ކިޔާ ދިނުމުގައި އުދެލި، ބަރޯ، ފަކީރާ ފަދަ ވާހަކަތަކަކީ ފުރަތަމަ އަހަރުގެ ނޫސްތަކުގެ ހެޑަލައިންގައި ރަސްކަން ކުރި ވާހަކަތައް. އެ ކޮންމެ ވާހަކައެއް ކުންފުނީގެ މުވައްޒަފުން ބަލައިގަތީ ހިތްވަރު ހޯދާ ހަތިޔާރެއްގެ ގޮތުގައި. ވެރިންނަށް ކިޔަމަންވެ ކުންފުންޏާއި ގައުމުގެ މަސްލަހަތު އަބަދުވެސް އިސްކުރުމުގައި ސާބިތުވެ ތިބޭ ހީވާގި މުވައްޒަފުންތަކެއްކަން އަބަދުވެސް ސާބިތު ކޮށްދޭތި،" މޫސަ ވިދާޅުވި އެވެ.

އާރުޑިސީގެ ޒުވާން ޓީމަކާއެކު ސުމަކުން ފަށައިގެން ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގާ ކުންފުންޏަކަށް އާރުޑީސީ ހެދިއްޖެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި އާރުޑީސީ އަށް ކުރެވުނު ކޮންމެ ތުހުމަތެއް އިދާރާތަކުން ބަލާ ނިމޭއިރު ކުންފުންޏާ އެއްކޮޅަށް ނިމިގެން ދަނީ ބޯޑުން އެކުލަވާލި ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ވަރަށް ގިނަ ކަންކަން ބޭނުންވި ގޮތަށް ނުކުރެވި ހުންނާނެ ކަމަށާ މުވައްޒަފުންނާއި އެކު ކުރެވުނު ކާމިޔާބު ދަތުރުގައި ނަގަން ޖެހުނު ބަދުނާމުތައް މަދު ނޫން ކަމަށެވެ. އަދި އެއިން ކޮންމެ ވަގުތަކު މުވައްޒަފުން ޤުރުބާންކޮށް ސަލާމަތް ވުމަކީ ކުރަން ބޭނުން ނުވި އެއް ކަންތައް ކަމަށާ ގަބޫލުކުރި ހަމައަކީ ކުންފުނީގެ މުވައްޒަފުން ކުރާ މަސައްކަތުން ލިބޭ ރީތިނަން އޭނާއަށް ވެސް ރައްދުވާ ބީދައިން ހެދޭ ގޯސްތަކުން ލިބޭ ބަދުނާމު އެޅުމުގެ ހިތްވަރު ހުންނަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑރ. މުއިއްޒުގެ ރިޔާސީ ދަޢުރަށް މަރުޙަބާ ދަންނަވަން. އެދެނީ ކާމިޔާބާއި ކުރިއެރުން ދިވެހިންނާއި ރާއްޖެއަށް ލިބިގެން ދިއުން. އަދި އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ބަދުނާމު އަޅުވައި ތުހިމަތު ކުރެވުނު ތިޖޫރީ އާއި 13 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަ ބައްލަވައި ދެއްވައި އަޅުގަނޑު ކުއްވެރި ވާ ކަމެއް ވާނަމަ އިންސާފު ކޮށްދެއްވުން،" މޫސާ އަލިމަނިކު ވިދާޅުވެފައިވެއެވެ.

އާރުޑީސީގެ ހިޔާނާތާ ގުޅިގެން އެއޮފީހަށް ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހު ވަދެފަ އެވެ. ފުލުހުން އާރުޑީސީ އޮފީހަށް ވަނީ ކުންފުނީގެ އެކައުންޓުން ގެއްލުނު 13.8 މިލިއަން ރުފިޔާގެ މައްސަލައިގަ އެވެ.

ފުލުހުން ބުނީ ތަހުގީގު ކުރަމުން އަންނަނީ އާރްޑީސީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

އާރުޑީސީން ގެއްލުނު 13.8 މިލިއަން ރުފިޔާ އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އަށާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަށެވެ. އެހެން ނަމަވެސް އެކަން އާރުޑީސީން ދޮގު ކުރެ އެވެ.