މާލޭ ސިޓީގެ މޭޔަރު ކަމުން ޑރ. މުހައްމަދު މުއިއްޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިންތިހާބީ ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި މި ފުރުސަތުގައި، މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން އެމަނިކުފާނު މޭޔަރު ކަމަށް ހޮވުމަށް ކުރެއްވި ތާއީދަށާއި، މޭޔަރު ކަމުގައި ހިދުމަތް ކުރުމުގައި ދެއްވި ތާޢީދާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ.

"މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ޙާސިލް ކޮށްދިނުމުގައި ވަރުގަދަ ޢަޒުމުގައި މަސައްކަތްކޮށް، އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީގެ މޭޔަރު ކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު ޑރ. މުއިއްޒު މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާނެ އެވެ.

ކުރިއަށް އޮތް 5 އަހަރަށް ރައްޔިތުން އިންތިހާބުކުރި އައު ރައީސް، ޑރ.މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. މި ރަސްމިއްޔާތު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ރައީސަކު ހުވާކުރެއްވުމަށް ބާއްވާ އެންމެ ބޮޑު ރަސްމިއްޔާތަށެވެ.