ދިވެހީންގެ މިނިވަންކަމާ ސިޔަދަތު ނިގުޅައިގަންނާން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށަ ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާލާނެ ކަމަށް އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ މުހަތަބު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށެވެ. އެމަނިކުފާނަށް ދިވެހި ރައްޔިތުން އަންނަީ ލިސްޓުގެ އެއްވަނައަށް ކަމަށާ އެހެން ގައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހުރިހާ ގައުމަކާވެސް އެކުވެރިކަމާ ގާތްކަން ބައްވާނެ ކަމަށާ ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާލާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އުއްތަމަ ފަނޑިޔާރާ ސަލާމްކުރައްވަނީ. ފޮޓޯ: މަޖްލިސް

"އެއީ ކޮންމެ ގައުމެއްގައިވެސް އޮންނަ ރަތް ރޮނގެއް. އަދި އޮންނަންވާނެ ވެސް ރޮނގެއް. އެހެން ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިހުތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަންވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދިވެހީންގެ ހައްގުތައް ރައްކާތެރިކުރުމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ދިވެހީންގެ މިނިވަން ކަމުގެ ހައްގު ނިގުޅައިގަންނާކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ގައުމާ މުހާތަބުކުރައްވަނީ. ފޮޓޯ: މަޖްލިސް

ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެ ކަމަށާ ގައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް ނެތްކަން މުއިއްޒު ވިދާޅުވި އެވެ.