ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއް ލަތީފް އައްޔަންކުރައްވައިފި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަބްދުއްރަހީމް އަބްދުއްލަތީފް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އެވެ. އެމަގާމަށް އޭނާ އައްޔަން ކުރެއްވީ 18 ނޮވެމްބަރު 2018 ގަ އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުއިއްޒު ދެއްވީ މިރޭ ރައީސް އޮފީހުގެ މަގާމުތަކަށް ބޭފުޅުންއައްޔަން ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

އަބްދުއްރަހީމް ވަނީ އެމްއެންޑީއެފްގެ ގިނަ މަގަމުތަކެއް އަދާ ކުރައްވާފަ އެވެ. އެގޮތުން ސެނެހިޔާ ހޮސްޕިޓަލްގެ ކޮމާންޑްމަންޓްގެ މަގާމާ ޑިފެންސް އިންޓެލިޖެންސް ސާވިސަސްގެ ކޮމާންޑިން އޮފިސަރުގެ މަގާމާ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރުކަން ހިމެނެ އެވެ.