ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ރޭ ކުރުނބާ މޯލްޑިވްސްގަ އެވެ. މިއީ ރައީސް ކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރު ގައުމެއްގެ އިސްވެރިޔާ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސް ކަމުގެ ގާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ. އަދި ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ސްރީލަންކާގެ ރައީސް ވަނީ ރައީސް މުއިއްޒު ރާއްޖޭގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
މިގޮތުން ދެބޭފުޅުން ވަނީ ތައުލީމީ ދާއިރާއާ ގުޅޭގޮތުންނާއި އަށާރައަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިގްތިސާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ސްރީލަންކާގެ ރައީސް ވަނީ ރައީސަށް ފަސޭހަފުޅު ވަގުތެއްގައި ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދައުވަތު އަރުވާފަ އެވެ. އަދި ރައީސް މުއިއްޒު ވަނީ މި ދައުވަތު ގަބޫލުފުޅުކުރައްވާފަ އެވެ.