ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެއަށް ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބަދަލުވެވަޑައިގަންނަވާނީ ޑިސެމްބަރު މަހު ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް މުއިއްޒު މިިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އެ މަނިކުފާނުގެ އަމިއްލަ ގެ މ. ދިމްޔާތުގަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ދެ ކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގަންނަވާނީ ޑިސެމްބަރުގައި ކަމަށެވެ. އެއީ މުލިއާގެ މަރާމާތު ކުރުމަށް ވަގުތު ނަގާނެތީ ކަމަށާ މަރުމާތުތައް ދެތިން ހަފްތާ ތެރޭ ނިމޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގަތީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ދައުރު ނިމެން ހަފްތާއަކަށް ވެފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މ. މުލިއާގެ ދޮރުމަތި. ފޮޓޯ | ހުރިހާ

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ރަސްމީގެކޮޅު ހިލާލީގެއަށް އަދި ބަދަލުވެވަޑައިނުގަންނަވަ އެވެ. ހިލާލީގެ ވެސް އަންނަނީ މަރާމާތު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މުލިއާގޭގައި އެންމެ ފުރަތަމަ ރައީސަކަށް ދިރިއުޅުއްވަން ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެކަމަކު، އެމަނިކުފާނު އެތަނުގައި ދިރިއުޅުއްވީ ވަރަށް ކުޑަ ދުވަސްކޮޅެއްގަ އެވެ. ތީމުގޭ މަރާމާތު ކުރެއްވުމަށް އެމަނިކުފާނު ވަނީ އޭގެ ފަހުން އެ ތަނަށް ބަދަލުވެވަޑައިގެން ފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ފުރަތަމަ ހުންނެވީ އަމިއްލަފުޅު ގޭގަ އެވެ. އެއަށްފަހު މުލިއާގެއަށް ބަދަލުވެވަޑައިގެންނެވި އެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރައީސް ކަމަށް ވަޑައިގެން ބޭނުން ކުރެއްވީ ހިލާލީގެ އެވެ.

ވަހީދުގެ ވެރިކަމަށް ފަހު، ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވި ޔާމީން ދިރިއުޅުއްވީ އަމިއްލަފުޅު ގޭގަ އެވެ. މުލިއާގެ ބޭނުން ކުރެއްވީ އެމަނިކުފާނުގެ ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގެވުމަށެވެ.