ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމު ވިދާޅުވީ ހައްޖަށް ގެންދިއުމަށް ކޯޓާއަށް ބޮޑު އަގުގައި ފައިސާ ނަގާ މައްސަލައަށް ހައްލެ ގެނުމަށްޓަކައި މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިސަރުކާރުން އެކަމަށް ހައްލެއް ގެނައުމަށް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ވިސްނަމުން އަންނަ ކަމަށް ޝަހީމް ފާހަގަ ކުރެއްވި އެވެ. އޭރުން ސަރުކާރުން ކަނޑައަޅާ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާގިނަ ލާރި ރައްޔިތުންގެ އަތުން ނަގަނީ. 75،000ރ.، 85،000ރ.، 90،000ރ، ޖަހައިގެން ބިޑު ކާމިޔާބުކޮށްފައި. އިތުރަށް 50 ހާސް 70 ހާސް އެބަ ނަގާ މީހުން އަތުން. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މިނޫން ގޮތެއް އެބަ ހޯދަން ޖެހޭ. އެހެންވީމާ މަޝްވަރާކުރެވެމުން ދަނީ ހައްޖު ކޯޕަރޭޝަންއަށް މުޅިން ދޭނީތޯ، ނޫނީ ކިހިނެތްތޯ ކަން ކުރެވޭނީ،" ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް މިހާރުވެސް ރައީސް މުއިއްޒު މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސައުދީ ވަފުދާ ބައްދަލުކުރައްވާ ހައްޖު ކޯޓާ މެދުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖަށް މީހުން ގެންދިއުމަށް މިހާރު ރާއްޖެއަށް ލިބެނީ 1000 ކޯޓާ އެވެ. މީގެ ތެރިން ބޮޑު ބައެއް ދެނީ ހައްޖު ކޯޕަރޭޝަންއަށެވެ. މިއަހަރު ވެސް 3 ކުންފުންޏަކަށް 270 ކޯޓާ ދީފައިވެ އެވެ.