ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ވިޒިޓް އިކޮނޮމީ ކައުންސިލްގެ ނަމުގައި އިތުރު ކައުންސިލެއް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

މި ކައުންސިލް އުފައްދަވާފައިވަނީ މިއަދު ބޭއްވި އައު ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. މިކައުންސިލްގެ އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކީ އަދި ކައުންސިލްގެ ޗެއާއަކީ ރައީސް އެވެ.

ވަޒީރުންގެ މަޖިލީހުން ވަނީ، 3 ކައުންސިލެއް އުފައްދަވާ، ކައުންސިލްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާނެ ބޭފުޅުން އައްޔަން ކުރައްވާފަ އެވެ.

އަލަށް އެކުލަވާލި ކައުންސިލްތަކަކީ ސޯޝަލް ކައުންސިލް، އިކޮނޮމިކް ކައުންސިލް އަދި ވިޒިޓާ އިކޮނޮމީ ކައުންސިލެވެ.

އެގޮތުން ސޯޝަލް ކައުންސިލް ހިންގެވުން ހަވާލު ކުރެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަށެވެ.

އިކޮނޮމިކް ކައުންސިލް ހިންގެވުން ހަވާލުކުރެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާ އެވެ. އަދި ވިޒިޓާ އިކޮނޮމީގެ ޗެއާއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އަލަށް އުފެއްދި ވިޒިޓާ ކައުންސިލްގެ ބޭނުމަކީ ފަތުރުވެރިކަމުގެ އެކި ކޮމްޕޯނެންޓުތައް ޕްރޮމޯޓުކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމެވެ.

ރައީސް ޗެއާ ކުރައްވާ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް އައު ކައުންސިލެއް މއިަދު ވަނީ އުފައްދަވާފައި: ފޮޓޯ: ރައީސް އޮފީސް

ވިޒިޓާ ކައުންސިލްގެ މަސައްކަތްތަކާ ގުޅެގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ މިކައުންސިލްގެ ބޭނުމަކީ ފަތުރުވެރިކަން އިތުރަށް ފުޅަކޮށް ކުރިއަރުވާ މިދާއިރަގައި އޮތް ގޮންޖެހުންތަކަށް މަސައްކަތް ކުރުން ކަމަށެވެ.

ފަތުރުވެރިކަން ކުރިއަރުވަން އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިކަމުގެ ދާއިރަގެ ތެރެއަށް ތައުލީމާ ދަތުރުފަތުރުގެ ފަތުރުވެރިކަން ފަދަ ދާއިރާތަކުން ތައާރަފްކުރެއްވުން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.