މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން މަޖިލީހުގެ އައު ރައީސް ހިތަދޫ އުތުރު ދާއިރާ މެމްބަރު މުޙައްމަދު އަސްލަމް އަލުން ކަނޑައަޅުއްވާ އިއުލާންކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ނަންތައް ކަނޑައަޅާފައިވަނީ ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެންބަރުން ކަމަށެވެ.

ރިޔާސަތު ބަލަހައްޓާނެ މެންބަރުންނަކީ:

1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

2. މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

3. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު

4. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ

5. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު

އަސްލަމް ވިދާޅުވީ ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ތަރުތީބު ކަނޑައަޅާފައިވަނީ މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާގެ ހ އަދި ނ އަށް އިސްކަން ދީގެން އެ މެންބަރުންގެ މެންބަރު ކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށެވެ.

މަޖިލީހުގެ ގަވައިދު 44 ވަނަ މާއްދާގެ ނ ގައި ބުނެފައިވަނީ، ރިޔާސަތު ބަލަހައްޓާނެ 5 މެންބަރުން ކަނޑައެޅުމުގައި އެ މެންބަރުންގެ ތަރުތީބު ކަނޑައަޅާނީ، އެ 5 މެންބަރުންގެ މެންބަރު ކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށެވެ. އަދދި މެންބަރުކަމުގެ މުއްދަތު ދެ މެންބަރެއްގެ ދޭތެރޭގައި ހަމަހަމަވެއްޖެ ހިނދެއްގައި، އެފަދަ މެންބަރުން ތަރުތީބުކުރާނީ މެންބަރުންގެ އުމުރުގެ ދޮށީކަމަށް އިސްކަން ދީގެން ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް މުހައްމަދު އަސްލަމް އިންތިހާބުކޮށްފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ތާވަލުކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުންނެވެ. މަޖިލީހުގެ ރައީސްކަމަށް އަސްލަމް، މިމަހުގެ 14 ވަނަދުވަހު ހޮވިވަޑައިގަތީ މަޖިލީހުގެ 53 މެމްބަރުންގެ ވޯޓާ އެކު އެވެ.