މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އިތުބާރު އެބައޮތް ކަމަށާއި އެހެން ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ދައުވާ ކުރަން ޖެހޭ ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ބަޖެޓް ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ރައީސް މުއިއްޒު ސަރުކާރުގެ ހައުސިން މިނިސްޓަރު ހައިދަރަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހައިދަރަށް އިންތިހާއަށް އިތުބާރު އެބަތޮއް ކަމަށެވެ.
އަދި ދިވެހި ރައްޔިތުންގެ ވޯޓުން ވެރިކަން ބަދަލުކޮށްފައި ވާއިރު، ވެރިކަމުގައި އެކުލެވޭ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ އަހުލާގީ ގޮތުން ވާޖިބު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކެބިނެޓަށް ރުހުން ނުދީ ތިބުމުގެ ޖާގައެއް ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.
"ހައިދަރަކީ ޕްލޭނިން މިނިސްޓްރީއެއް އުފެދުނީއްސުރެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅެއް! ހައިދަރު އެވިދާޅުވަނީ ރަނގަޅަށް. މިކަން ހިނގާފައި އޮތް ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ!" ރައީސް ނަޝީދު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދިނުމުގައި އޮޅުވާލީ ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ "މާލެ ފޮތިފޮތި" ކޮށްލައިގެން ފްލެޓާއި ގޯތި ދިނީ ބޭނުންވާ ބަޔަކަށް ކަމަށެވެ. މިއީ "ޖަރީމާ"އެއްގެ ގޮތުގައި ސިފަ ކުރައްވައި ނަޝީދު ވިދާޅުވީ މި ކަމުގައި ޝަކުވާ ނުކުރާ މާލޭގެ އެކަކުު ވެސް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެން ކަމުން ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމާއި, ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނު ހިންގެވި ޖަރީމާތައް ބަލައި ފިޔަވަޅު އެޅުއްވުމަށް ނަޝީދު ގޮވާލެއްވި އެވެ.
"ޑރ. ހައިދަރަށް ނޫން ރުހުން ނުދޭން ވީކީއެއް. އަޅުގަނޑުމެން ކުރީގެ ހައުސިން މިނިސްޓަރގެ މައްޗަށް ދައުވާ އުފުލާންވީ. އިއްޒައްތެރި ރައީސް މިއަދުގެ މާލީ ވަޒީރަކާއި ނޫން ވާހަކަ ދައްކަންވީ. އަޅުގަނޑުމެން ވާހަކަ ދައްކަންވީ މިދަތުރު އަޅުގަނޑުމެންނަށް ޖެއްސީ މާލީ ވަޒީރާ،" ނަޝީދު ވިދާޅުވި އެވެ.
ހައިދަރަށް އިތުބާރު ނެތްކަމަށް ވިދާޅުވެ މީކާއިލް ވާހަކަ ދެއްކެވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި, ރައީސް ސޯލިހުގެ ސަރުކާރުން ފްލެޓުތައް ދޫކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް, އެ ޕްރޮސެސް ރިވިއު ކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވުމާ ގުޅިގެންނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނސްޓަރު ހައިދަރު ވިދާޅުވީ ފްލެޓާއި ގޯތި ދޫކުރުން އިންތިގާލީ މަރުހަލާގައި މަޑު ޖައްސާލަން އެދިފައިވީ ނަމަވެސް ކުރީ ސަރުކާރުން އެކަމަށް އިހްތިރާމް ކޮށްފައި ނުވާ ކަމަށެވެ. އެހެންވީމާ ބޯހިޔާ ވަހިކަމަށް ކުރީ ސަރުކާރުން ދީފައިވާ އެއްވެސް ގޯއްޗެއް އަދި ގެދޮރުވެރިކުރުމަށް ދޫކޮށްފައިވާ އެއްވެސް ބޯހިޔާވަހިކަމަކަށް މިސަރުކަރުން ވެސް ނުބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިއުލާން ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.