އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލީހުގައި އެދިއްޖެ އެވެ.
އަންނަ އަހަރު ބައްވާ މަޖިލިސް އިންތިހާބު ދިމާވަނީ ރޯދަމަހަށެވެ. އިންތިހާބު ބޭއްވޭނީ ރޯދައިގެ ފަހު ދިހަ އެއްގަ އެވެ. އެހެންވެ އޭގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތަށް ހައްލެއް ހޯދައި ދިނުމަށް އިލެކްޝަން ކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ވަނީ އެދިފަ އެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބް ބޭއްވޭނީ އަންނަ މާޗް މަހުގެ 30 ގައި ކަމަށާ އެއީ ރޯދަމަސް ކަމަށެވެ. ފުއާދު ވިދާޅުވީ އިންތިހާބުގެ ކަންކަން ރޯދަ މަހަށް ދިމާވާތީ އީސީގެ މުވައްޒަފުން މަސައްކަތް ކުރުމަށް ދަތިތަކެއް ދިމާވާނެ ކަމަށާ ކެންޑިޑޭޓުންގެ ކެމްޕޭނުގެ ކުރުމަށްވެސް އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ. އަދި، މިހާރު ދޭ އުޖޫރައިގައި މަސައްކަތް ކުރާނެ އޮފިޝަނުން ވެސް ނުލިބޭނެ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު 19 ގައި ކަމަށާއި ނަމަވެސް އެއީ ސްކޫލްތަކުގައި މޮކް އެގްޒާމް ކުރިއަށްދާ ދުވަސްކޮޅެއް ކަމަށް ހަބީބް ވިދާޅުވި އެވެ. އެހެންވީމާ ސްކޫލްތަކުގެ ހޯލް ތައް ނުލިބޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
މިކަމަށް ހައްލެއް ގެނައުމަށް އީސީން ވަނީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތުތަަކަށް ބަދަލު ގެންނަން ދެ ގޮތެއް ހުށަހަޅާފަ އެވެ.
އެއް ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ.
ދެވަނަ ގޮތަކީ އިންތިހާބު އިއުލާން ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ.
މިކަމާމެދު ކޮމެޓީން މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ.