ވަޒީފާގެ ބިރަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު އެ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ދާން ނުޖެހޭނެ ކަމަށް ޕިޕީއެމްގެ ވަގުތީ ސްޓީރިންގް ކޮމެޓީން ބުނެފި އެވެ.

ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން މިހާރު ވަނީ 13 މެމްބަރުންގެ ސްޓިއަރިންގް ކޮމެޓީއެއް އެކުލަވާލައިފަ އެވެ. މި ސްޓިއަރިން ކޮމިޓީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ އިސްކޮށް ތިއްބެވީ ނިމިދިޔަ މިސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އާއި ރައީސް ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ތިބެންޖެހޭނީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ކަމަށެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަން އޮތް ކަމުގައި ވީނަމަވެސް ޕީޕީއެމްގެ އާންމު އެހެން މެމްބަރަކު ޕީއެންސީ އަށް ނުވަތަ އެހެން ޕާޓީއަކަށް ދިއުމަކީ ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އިންތިހާބުވެ ވަޑައިގަތީ ޕީއެންސީގެ 3500 މެމްބަރުންނާ އެކު ކަމަށެވެ. މީގެ ކާމިޔާބީއަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން އެއްއާއިލާއެއްގެ ގޮތުގައި އޮތް އޮތުން ކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ވަޒީފާގެ ބިރުދައްކައިގެންވެސް ޕީޕީއެމްގެ މެމްބަރަކު އެހެން ޕާޓީ އަކަށް ނުދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ވަޒީފާގެ ބިރު ދައްކަނީ މިހާރު ސަރުކާރު ހިންގާ ޕީއެންސީ އިންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މަލީހު ވިދާޅުވީ އެއީ ކުރީ ސަރުކާރަށް ނިސްބަތް ކުރި ބަހެއް ކަމަށެވެ.

"އަޅުގަނޑުމެންނާ ނުރުހޭ މީހުން އަޅުގަނޑުމެންގެ ތެރޭ ބައިބައިވުން އޮތް ކަމަށް ދައްކަން މަސައްކަތް ކުރި ނަމަވެސް. މަސައްކަތް އެބަކުރޭ ޕީޕީއެމް ޕީއެންސީގެ އެއްވެސް މެމްބަރަކު އެގޮތަށް ނުދެކި އެއް އާއިލާއެއްގެ ގޮތުގަ މަސައްކަތް ކުރުން އެދެނީ" މަލީހް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އައްބަސް އާދިލް ރިޒާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ވަޒީފާއެއްގެ ބިރަކަށް ވެސް އެހެން ޕާޓީއަކަށް ދާން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންވީމަ ޕީޕީއެމްގެ ހުރިހާ މެމްބަރުންވެސް ޕީޕީއެމްގައި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށް އައްބާސް ވިދާޅުވި އެވެ.