ޕީޕީއެމްގެ ރައީސް ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ޕީޕީއެމްގެ ދެ ނައިބު ރައީސުން ނިކުންނަވައި މަލީހް އެޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފި އެވެ.

މަލީހް ސަސްޕެންޑް ކޮށްފައި ވަނީ ރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުން ބައްވާފައި ވަނީ ޕީޕީއެމްގެ ހިންގުން ވަރުގަދަކުރުމަށް ރައީސް ޔާމީން ނެންގެވި ސްޓިއަރިން ކޮމިޓީ އިއުލާން ކުރުމަށެވެ.

ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ސޮއިކުރައްވައި ނެރުއްވި ސިޓީގައި ބުނެފައިވަނީ ޕާޓީ ތެރޭގެ މަސްލަހަތު ނަގާލައި ޕީޕީއެމް ބަދުނާމުކޮށް ބައިބައި ކުރުމުގެ މަސައްކަތް މަލީހު ކުރައްވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޕީޕީއެމް ސެނެޓަށް އެނގުމެއް ނެތި މަލީހު އަމިއްލައަށް ކޮމެޓީތައް ހަދާ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕީޕީއެމްގެ ލީޑާޝިޕަށް ނޭނގި ނޫސްވެރީންގެ ބައްދަލްވުންތައް ބާއްވަމުންދާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އެކަންކަމަށް ބަލައި ޕާޓީގެ ހަރަކާތްތަކުން މަލީހު ސަސްޕެންޑުކޮށް، އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ސިޓީގައި ވަނީ އަންގަވާފަ އެވެ.

ރައީސް ޔާމީންގެ އެންގެވުމަށް މަލީހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އޭނާ އަށް ފިޔަވަޅު އަޅާނެ ކަމަށް ޝިޔާމް އާއި ގައްސާން ވިދާޅުވެފައިވާއިރު، ޣައްސާންއާއި ޝިޔާމް އަކީ މީގެ ކުރީން ރައީސް ޔާމީންގެ އެންމެ އަރިސް އަދި ރައީސް ޔާމީންއަށް އެންމެ ވަފާތެރި ކަމަށް ހެދިގެން އުޅުއްވި ދެ ބޭފުޅުންނެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓިއަރިން ކޮމިޓީގެ އިދާރީ ހިންގުމާ ހަވާލުވެވަޑައިގެންނެވި އެންމެ އިސް ބޭފުޅާ ކަމުގައިވާ ކުރީގެ ވަޒީރު މަލީހް ވިދާޅުވީ ޕާޓީ ބާރަށް ހިނގައިގަތުމަށް 13 މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މި ހުރިހާ ބޭފުޅުން ވެސް ކަނޑައެޅުއްވީ ރައީސް ޔާމީން ކަމަށެވެ. އަދި އެ ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޕާޓީއަށް މެންބަރުން އިތުރު ކުރުމާއި ޕާޓީ ހަރުދަނާ ކުރުން ކަމަށް މަލީހު ވިދާޅުވި އެވެ.

މީހެއްގެ ވަޒީފާގެ ބިރަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު އެ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ދާން ނުޖެހޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިފަދަ ވާހަކަތަކެއް ދައްކާފައި މިވަނީ ޕީއެންސީއަށް ޕީޕީއެމްގެ މެމްބަރުން ލައްވައި ސޮއިކުރުވާތީ އެކަމާ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް އަޑުތައް ފެތުރިފައިވަނި ކޮށެވެ.

ޝިޔާމާއި ޣައްސާން ފޮނުވި ސިޓީއާ ގުޅިގެން މަލީހް ފޭސްބުކްގައި މިއަދު ވިދާޅުވެފައި ވަނީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާއުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށެވެ.

"ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނަން. މިއީ އަދި ވަކަރަށް ޖަހާލުމެއް،" އޭނާ ވިދާޅުވި އެވެ.