ސްޕޯޓްސް ކޮމިޝަނަރު ކަމާ ހަވާލުވިޔަސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުހައްމަދު ތޮލާލް ވަކިނުވާ ކަމަށް ބުނެ ހެދީ ދޮގުކަން ފަޅާ އަރައިފި އެވެ.
ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ސްޕޯޓްސް ކޮމިޝަނަރު ކަމާ ހަވާލުވިއިރު ޕީޕީއެމް ދޫކޮށް ނުލާ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި އަދިވެސް އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން ޕާޓީގެ ސެނެޓް ވަޓްސްއެޕް ގްރޫޕްގަ އާއި ޕީޕީއެމްގެ މީޑިއާ ގްރޫޕްގައި އަންނަނީ ނޫސްވެރިންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވަމުންނެވެ. އަދި އެއީ ކުޅިވަރާ ބެހޭ ގާނޫނާ ހިލާފު އަމަލެކެވެ.
ކުޅިވަރުގެ ގާނޫނުގައި ވެސް އޮންނަ ގޮތުން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހާވާލުވާ މީހަކު ޕާޓީއެއްގެ ހިންގުމުގެ މަގާމެއްގައި އަދި ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ވެސް ނުހުރެވޭނެ އެވެ.
ކުޅިވަރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (9) ގައި ބުނެފައި ވަނީ ސިވިލް ސާވިސގެ ވަޒީފާއެއްގައިވާ ފަރަތެއް ކަމުގައި ނުވުމާއި ސަރުކާރުގެ ެއްވެސް ސިޔާސީ މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ ހިންގުމުގެ މަގާމެއްގައި އުޅޭ މީހެއް ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުމާއި އިންތިހާބު ކުރެވޭ އެއްވެސް މަގާމެއްގައިވާ މީހެއް ކަމުގައި ނުވުމެވެ.
އެހެން ނަމަވެސް ބައެއް މީޑިއާ ތަކަށް ތޮލާލް ވިދާޅުވެފައި ވަނީ އޭނާ ސްޕޯޓްސް ކޮމިޝަނަރު ކަމާ ހަވާލުވީ ޕީޕީއެމް އިން ވަކިވުމަށް ފަހުގައި ކަމަށެވެ. މިހާރު އޭނާ ހުރީ އެއްވެސް ޕާޓީއެއްގައި ނޫން ކަމަށާ އެއްވެސް ޕާޓީއެއްގެ މަގާމެއްގައި ނޫން ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ޕީޕީއެމްގެ ގްރޫޕްތަކުގައި ހަރަކާތްތެރިވަމުން ދަނީ ކޮން އުސޫލަކުންތޯ "ހުރިހާ" އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ގްރޫޕްގައި އިންނަވަނީ އެއްވެސް ހައިސިއްޔަތަކުން ނޫން ކަމަށެވެ. އަދި މަގާމާ ހަވާލުވީ ޕީޕީއެމްގެ މަގާމުގެ ހައިސިއްޔަތުން ކުރަމުން ދިޔަ އެއްވެސް ކަމެއް ހަވާލުކޮށްފައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް ރައީސް ޔާމީން އުފެއްދި 13 މެމްބަރުންގެ ކޮމިޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިންނަށް އޭނާ މެސެޖްކޮށް ޕީޕީއެމްގެ އެސްޖީކަމުން ވަކިވެފައިނުވާ ކަމަށް ބުނެ ވަނީ ދޮގު ހަދައިފަ އެވެ.