ކަމެއްގެ އަތް ދަށު ވިޔަސް ބާ ޓިނު ގަނޑެއްގެ އަތް ދަށު ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިރުޝާދުގެ ދަށުން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ޕީޕީއެމްގެ ދެ ނައިބު ރައީސުން ނިކުންނަވައި މަލީހް އެޕާޓީގެ ހަރަކާތްތަކުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މަލީހް ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މަލީހުގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބެލުމަށް ފަހު އޭނާ ވަނީ މިރޭ އެ ޕާޓީން ވަކިކޮށްފަ އެވެ.

އެކަމާ މެދު ހިތްހަމަ ނުޖެހި މަލީހު އެކްސް ގައި ވިދާޅުވީ މިދަނީ ގަދަ ހިފުމަށް ކަމަށެވެ. މަލީހު ވިދާޅުވީ މިކަން ނިންމާނީ ފުރާޅުން ޓިނު ނަގާ ކޮންކްރީޓް ސްލެބް އަކަށް ބަދަލުކޮށްފައި ކަމަށެވެ.

ކަމެއްގެ އަތް ދަށު ވިޔަސް ބާ ޓިނު ގަނޑެއްގެ އަތް ދަށު ނުވުމަށް މަލީހު ގޮވާލެއްވި އެވެ. މަލީހު މިފަދައިން އެކްސްގައި ލިޔުއްވާފައި މިވަނީ ސީދާ ކޮންކަމަކާ ގުޅޭގޮތުން ކަމެއް ސާފެއް ނުވެ އެވެ.

މަލީހު މިހެން ވިދާޅުވެފައި ވާއިރު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމަށް ވަނަމެއްގެ ގޮތުގައި "ޓިނު އަދުރޭ" ކިޔަ އެވެ.