ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަމާޒަކީ ޕާޓީ އުފެއްދުމުގެ ހުރިހާ މަސައްކަތެއް ހުކުރު ނަމާދުގެ ކުރިން ނިންމުން ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން އެހެން ޕާޓީއެއް އުފެއްދެވުމަށް ވަނީ ނިންމަވައިފަ އެވެ.

ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި އިރު އެމަނިކުފާނު ވަނީ ޕީޕީއެމްގެ ހިންގުން ހަރަުދަނާ ކުރުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވައިފަ އެވެ. އެ ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.

ރައީސް ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީއާ ގުޅޭގޮތުން މަލީހް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޕާޓީގެ ނަން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ.

ޕާޓީގެ ލޯގޯ ޑިޒައިން ކުރުމުގެ މަސައްކަތާއި އަސާސީ ގަވާއިދު އަދި ހިންގާ ގަވާއިދުގެ މަސައްކަތް ފެށިއްޖެ ކަމަށް މަލީހު ވިދާޅުވި އެވެ. މަލީހު ވިދާޅުވީ އަމާޒަކީ މި ހުރިހާ މަސައްކަތެއް ހުކުރު ނަމާދުގެ ކުރިން ނިންމުން ކަމަށެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ އެ މަނިކުފާނުގެ މަޝްވަރާ އާއި ލަފާ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބޭނުންނުކުރާތީ ކަމަށެވެ.

ޖަމީލް ވިދާޅުވީ ޔާމީންގެ ސިޔާސީ މަސައްކަތްޕުޅު ދެން ބައްޓަން ވާނީ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ކަމަށެވެ.

ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ފަހުން ޔާމީންގެ ފޯންކޯލްތަކަށް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ނުދެއްވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.