އަޅުގަޑަކީ ސިއްހީ ކަންކަމާއިމެދު މައުލޫމާތު ހޯދުމާއި ދިމާވާ އެކިއެކި މައްސަލަތަކަށް ފަރުވާހޯދުމުގައި އެ ބައްޔަކަށް ކެއުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލަކުން ހޯދިދާނެ ކުރިއެރުމުގެ ކަންކަމާއިމެދު އިތުބާރުހުރި އެކިއެކި މީހުންނާއި ވަސީލަތްތަކުން ހޯދާބަލާ މީހެކެވެ. މިހެންވުމުން މިވާހަކަ ރަހުމަތްތެރިންގެ ތެރޭގައި ދެއްކޭތީ އެމީހުންނަށް ކުރެވިފައިހުންނަ ތަޖުރިބާގެ އަޑުއިވުމުގެ ފުރުސަތު ބޮޑުވެފައިވެއެވެ. އެމީހަކު ފޯކަސްކޮށް ގިނައިން ހޯދާ ބަލާ ކަންކަން ކުރިން ދިމާނުވާވަރަށް ގިނައިން ދިމާވެ އެއާއިމެދު މައުލޫމާތު ލިބުމުގެ ފުރުސަތު ބޮޑުވާކަމުގައި ދިރާސާކުރާމީހުން ބުނެއުޅެއެވެ. ބައެއް މީހުން މިއަށް "ލޯ އޮފް އެޓްރެކްޝަން"އޭ ކިޔާއުޅެއެވެ. އެއީ އަދި މުޅިން އެހެން މައުޟޫއެކެވެ.
ކުރިންވެސް ދަންނަ ރައްޓެއްސަކު ދުވަސްގަނޑަކަށްފަހު ފެނުނުއިރު ހުރީ ކުރިންހުންނަވަރަށްވުރެ ވަރަށްބޮޑުތަން ހަށިގަނޑު ކުޑަކޮށެވެ. ތިޔަހާ ބޮޑުތަނުން ލުއިކޮށް ތިޔަހާ ރީތިވެލީ ކޮން ސަބަބަކާހުރެތޯ އަހާލީމެވެ. އޭނާ ބުނިގޮތުން އެކަން ފެށުނީ ލޭ މާ މަތީގައި (ހައިޕަރޓެންޝަން ނުވަތަ ހައިބްލަޑް ޕްރެޝަރ) ހުރިކަން އެނގުނު ދުވަހު ގަތް ބޮޑު ބިރެއްގެ ސަބަބުންނެވެ. އެކަން ދިމާވީ ކަންދިމާކުރިގޮތުން އަހަރެންގެ އަންހެން ދަރިފުޅު އަހަރެން ކައިރީގައި ހުރިވަގުތަކުއެވެ. ބޮލުގައި ރިއްސާ ނޭވާވެސް ހާސްވާ ގޮތެއްވެފަ ހިތުގެ ވިންދުވެސް ޖަހަމުންދިޔައީ ތަފާތުކޮށްހެން ހީވިއެވެ. ދަރިފުޅަށް މިކަން ވިސްނިގެން އަހަރެން ގަދަކަމުންކަހަލަ ގޮތަކަށް ހޮސްޕިޓަލައް ގޮވައިގެން ދިޔައެވެ. ލޭގެ ޕްރެޝަރު ހުރީ 201/98 ގައެވެ. (ޕްރެޝަރ ހުންނަންވާނީ 80/120 އަށްވުރެ މަތިނުވެއެވެ.)
ބައެއް ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން މަޑުކުރިވަގުތު ދަރިފުޅު ބުނި އެއްޗަކުން އަހަރެންގެ ވިސްނުމާއި ފިކުރު އެކުގައި ބަދަލުކުރުމަށް އަމިއްލަ ނަފުސައް މަޖުބޫރުވިއެވެ. ބައްޕައަށް ދިމާވިގޮތް ތިމަންނާއަށް ވަރަށް ސާފުކޮށް ފެނުނުކަމަށާއި އެވަގުތު ތިމަންނާގެ ހިތައްއެރި ގިނަ ވާހަކަތައް ކިޔައިދޭންވެސް ދަތިކަމުގައި ބުންޏެވެ. ބައްޕައަށް 60 އަހަރުވެސް ނުވަނީސް ތިމަންނާމެންނާއި ވަކިވަނީބާއޭ އަދި ތިމަންނާގެ ދަރިން ކަންކަމާއިމެދު ސުވާލުކުރާ އުމުރަށްދިއުމުން ކާފަ ނެތީ ކީއްވެގެންކަމާއި، ތިމަންނާގެ ދަރިންނާއި އެކު ކުޅެހަދާނެ އެކުދިންގެ ކާފަ ނެތުމަކީ ދިރިއުޅުމަށް ލިބޭ ކިހާ ދެރަ ނިކަމެތި ކަމެއްބާއޭ ހިތައްއެރިއެވެ. ކުރުކޮށް ބުނާނަމަ ބައްޕަ އަދި އަހަރެންނާއި ވަކިވާންޖެހޭކަމުގައި އެވަގުތު ގަބޫލު ނުކުރެވުނުކަމުގައި ދަރިފުޅު ބުންޏެވެ. ބައްޕައަށް ތިމަންނާމެންނާއިއެކު ހުރެވޭނީ ﷲގެ އިރާދަފުޅުން ކެއުމާއިބުއިންވެސް ބަދަލުކޮށް ސިއްހަތައް ފަރުވާތެރިވެވިގެންކަމުގައި ބުންޏެވެ. ބައްޕަ މިކަންކަމަށް ފަރުވާ ކުޑަކުރުމުން ބައްޕަ ދިއުމުގެ އިތުރުން އަހަރުމެންނަށް ލިބޭ ދެރަވެސް ކުޑަނޫންކަމުގައި ބުންޏެވެ. އެވަގުތު ހިތައްއެރި ވާހަކައިގެ އަދަދު އަހަންނަށްވެސް ނޭގެއެވެ. މި ހޮސްޕިޓަލުން ނިކުމެގެން ގެއަށް ދެވޭވަރު ވެއްޖެނަމަ ތިޔަ ދަރިފުޅައްޓަކައާއި އާއިލާގެ އެންމެނަށްޓަކާ އަހަރެންގެ ކެއުމުގެ ވައްޓަފާޅި ބަދަލުކޮށް ބަރުދަން ލުއިކޮށް ސިއްހަތު ރަގަޅުކުރުމުގައި ތާއަބަދު ހުންނާނެކަމުގައި ދަރިފުޅުކައިރީ ވައުދުވީމެވެ.
ކެއުން ބަދަލުކުރިން، ހަފުތާއަކު 3 ދުވަހު ހިނގަންގޮސް ކުދިކުދި ކަސްރަތުކޮށްހެދިން. ބަރުދަން ލުއިވަނީ ކުޑަ މިންވަރަކުން އަދި ކިރިޔާ ބަދަލެއް ގެނަޔަސް ލުއިވިތަންކޮޅު އިތުރުވެއެވެ. މިކަހަލަ ގޮތަކަށް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރުމުންވެސް އެދެވޭ ނަތީޖާ ނުލިބެއެވެ. ދެތިންކިލޯ ލުއިވެފަ އަނެއްކާވެސް އަނބުރާ އެބަރުދަނައްދަނީއެވެ. ކަނީ ގޭގައި ތައްޔާރުކުރާ އާންމު ކާނާ ތަންކޮޅެއް މަދުކޮއްލައިގެންނެވެ. ހަކުރު ކެއުން މަދުކޮއްގެންނެވެ. އަދި ބައެއްކަހަލަ ފަލަވާކަމުގައި ބެލެވޭ ކާނާ ނުކައި ހުރެގެންނެވެ. އެހެން ނަމަވެސް މިގޮތުން އެހާ ބޮޑު ނަތީޖާއެއް ނުނިކުމެއެވެ. އެކި މީހުންނަށް އެކިގޮތް ދިމާވުމަކީ އެކަށީގެންވާކަމެކެވެ.
މިކަމުގައި މާރަގަޅު ކުރިއެރުމެއް ނުލިބިހުއްޓާ، މިރަހުމަތްތެރިޔާ އާއި ދެން ދިމާވަނީ ތަރުކާރީގެ ބާވަތްތައް ގަންނަން ގޮސްހުރި ރައްޓެއްސަކާއިއެވެ. އޭނާގެ ބުރުސޫރައަށް ބަލާލާއިރަށް އޭނާގެ ފިޓުކަމާއި، އުމުރަށްބަލާއިރު ބަލާއިރު ހައިރާންވާހާ ހަށިގަނޑު ރީއްޗެވެ. އަތު މުލައްދަނޑީގެ މަސްތައް ބައިބައިވެ ފެންނަންހުރިގޮތާއި، މޫނުމަތީގަ ސަރުބީ ނެތި ރީތިވެލާފަހުރިގޮތާއި ބަނޑު އަޑިވެލާފަ ހުރިތަން ފެނުމުން ސުވާލުކުރީމެވެ. އޭނާ ބުނީ ކެއުން ރަގަޅު ކުރުމަށްފަހު ދުވަސްކޮޅަކުން ކެއުން މަދުކުރަންފެށިކަމަށެވެ. އެއަށްފަހު ދުވާލަކު ކެއުން ކާ ވަގުތު މަދުކުރީއެވެ، ދިންފަހަރުގެ ބަދަލުގައި ދެފަހަރަށް ހަދައި ދެން ދުވާލަކު އެއް ފަހަރަށް ހެދީއެވެ. އެހެން ވަގުތުތަކުގައި މަދު ނުވާވަރަށް ފެންބޮއެ ބައެއްފަހަރު ރަހުމަތްތެރިންނާއި އެކު ދިމާވުވުން ހަކުރު ނައަޅާ ކަޅު ކޮފީއެއް ދުވާލަކު އެއްފަހަރު ނޫނީ ދެފަހަރު ބޯލާހަދާވާހަކަ ބުންޏެވެ. ކެއުން މި އުސޫލައް ބަދަލު ކުރުމުން އެއަށްކިޔާއުޅެނީ "އިންޓަމިޓެންޓް ފާސްޓިން" ކަމުގައި ކިޔާދީ އެކަން ކުރުމުން ހުރި ފައިދާގެ ވާހަކަވެސް ވަރަށް ތަފުސީލުކޮށް ކިޔާދިނެވެ. އަދި މިހާރު ހަށިގަނޑަށާއި ސިއްހަތައް ލިބިފައިވާ ކުރިއެރުމަކީ މިކަމުގެ ނަތީޖާއެއްގެ ގޮތުން ހުރިގޮތްކަމުގައި ބުންޏެވެ. މިވާހަކަ އަޅުގަޑާއި ހިއްސާކުރުމުން އަޅުގަޑުވެސް ދިރާސާކޮށް މިކަމުގައި މިހާތަނަށް ކަމުގެ މާހިރުން ބުނެއުޅޭ އެއްޗެއް ބަލާލާ ހެދީމެވެ. އެގޮތުން އިންޓަމިޓެންޓް ފާސްޓިން އާއި މެދު ކުރުގޮތަކަށް މިލިއުމުގައި އެއްޗެއް ލިޔެލާނަމެވެ.
އިންޓަމިޓެންޓް ފާސްޓިންގަ ހުންނަން ވިސްނާނަމަ އެކަމަށް ކުރިން ތައްޔާރުވުން މުހިންމުވެއެވެ. މައިގަނޑު ސަބަބަކީ ހަށިގަނޑަށް ކުރިން ކާންދެމުން ގެންދިޔަ ގޮތް ނޫން ގޮތަކައް ކުއްލިއަކަށް ހެދުމުން ހަށިގަނޑަށް އެގޮތް ބަލައިގަތުމަކީ ދަތިކަމަކަށްވާނެތީއެވެ. ހަށިގަނޑަށް ޖިސްމާނީ ބަދަލެއް ގެނައުމުގެ ޕްރޮގްރާމެއް ފެށިޔަސް އެކަމެއް ރާވަންވާނީ ހަށިގަނޑަށް ފުރަތަމަ ކަތާވަރަށް ކުރަމުންގޮސް އިތުރު ކުރަމުންދާ ގޮތަކަށެވެ. މި އުސޫލު ކެއުމުގައިވެސް ހިފަހައްޓަންޖެހެއެވެ. ކުއްލި ބަދަލު ގެނައުމަކީ ރަގަޅު ގޮތެއް ނޫނެވެ. އަދި ސިއްހީގޮތުން ބޮޑެތި މައްސަލަ ހުރި މީހަކުކަމުގައިވަނީނަމަ އެކަންކަމަށް ރިއާޔަތްކޮށް ޑޮކްޓަރާއި މަޝްވަރާކޮއްލުމަކީވެސް ކުރަންޖެހޭނެކަމެކެވެ. ރޯދަ ހިފުމަކީ ވަރަށް މަދު ހާލަތެއްގައިވެސް ގެއްލުމެއް ލިބޭކަމެއްނޫންކަން މިހާރު ހުރިހާ މުޖުތަމައެއްގައިވެސް ބަލައިގަނެއެވެ. ޑޮކްޓަރުންވިޔަސް އެކިއެކި ދީންތަކުގެ އިލްމުވެރިންކަމުގައިވިޔަސް އަދި މިނޫންވެސް މިކަންކަމާއިމެދު ދިރާސާކުރާ ސައިންޓިސްޓުންނާއި ޑޮކްޓަރުންކަމުގައިވިޔަސްމެއެވެ.
5 ވަނަ ގަރުނު (ބީ.ސީ.އީ) ގައި އުޅުނު މަޝްހޫރު ގްރީކް ފިލޯސޮފަރ ސޮކްރޭޓްސް ރޯދަޔަށް ހުރީ މެންޓަލް ކްލެރެޓީ އިތުރުކުރުމަށެވެ.
މެންޓަލް ކްލެރިޓީއަކީ ކަންމާއިމެދު ވަރަށް ސާފުކޮށް ފަސޭހައިން ސަމާލުކަންދީގެން ވިސްނާ ފިކުރު ކުރުގެ ގާބިލުކަން އިތުރުވުމެވެ. ސޮކްރޭޓްސް އަކީ އެތަކެއް ތިއަރީއެއް ލިޔެ ކަންކަމާއިމެދު އަދިވެސް އެންމެން އެއްބަސްވާ ހަމަތަކެއް ލިއުމެއް ލިޔެ ބުނެދިން ފިލޯސޮފަރެކެވެ. މިހެންވުމުން "ފާސްޓިން"ގައި ފައިދާއެއް ހުރިކަން އެބަ އެނގެއެވެ. ފާސްޓިންގައި ހުރެގެން ގެއްލުމެއް ނުވާކަން އެނގެއެވެ.
ފްލޮރިޑާރގެ ކާޑިއޯވެސްކިއުލާރ އިންޓަވެންޝަންގެ ފައުންޑަރ އަދި ޑައިރެކްޓަރ ޑރ. ޕްރަދީޕް ޖަމްނަދާސް (އެމްޑީ) ބުނާގޮތުން ގިނައިން ކާހިތްވަނީ ބައެއްފަހަރު އެމީހެއްގެ ބައޯކެމިކަލް ކްރޭވިންގެ ސަބަބުން އަދި ބައެއްފަހަރު ކެއުން އާދަކުރެވިފައިވާ ހަމައިގެ މަތިން އެވަގުތެއްޖެހުމުން ކަވައިގަންނަ ކަވައިގަތުމެއްގެ ސަބަބުންނެވެ. ޑޮކްޓަރު ބުނާގޮތުގައި މިއިން އެއްވެސް ފަހަރަކީ އެމީހާ އެކާއެއްޗެއް ކެއުމުން ނުވަތަ ނުކެއުމުން އެމީހާގެ ދިރިހުރުމާއި ބަލިވުމާއި ގުޅުމެއް ހުންނަކަމެއްނޫނެވެ. ކެއުން ލާޒިމް ކުރަނީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ހަމަވާގޮތަށް އެކަމަށް ފުދޭވަރަށެވެ. އެއީ ދުވާލަކު އެއްފަހަރު ކަމުގައިވެސް ހެދިދާނެކަމަށާއި އަދި އެއީ ތިންދުވަހުން އެއްފަހަރު ކާ ކެއުމަކަށްވެސް ހެދިދާނެކަމަށާއި އިންސާނާ އުފެދިފައިވަނީ އެ ގާބިލުކަމާއިއެކު ކަމަށާއި އެގޮތް ހެދުމުން ސިއްހަތައް ނިހާޔަތަށް ފައިދާ ބޮޑުކަމަށާއި ބޮޑެތި ބަލިތަކުން ސަލާމަތްވުން މިކަމުގައި އެކުލެވޭކަމުގައި ވެސް ޑރ. ޕްރަދީޕް ފާހަގަ ކުރެއެވެ. ކާބޯހައިޑްރޭޓްސް ގިނައިން ކައި އުޅޭ މީހަކު ކައިގެން މާގިނައިރެއްނުވެ ކާހިތްވާނެކަމަށާއި ހަށިގަނޑައް ފައިދާހުރި ނިއުޓްރިޝަނަލް ކެއުންކާން އާދަވެފައިވާ މީހާ މަދުން ކެޔަސް ދެން މާ ފަސޭހައިން ކާހިތްވެގެން ކާއެއްޗެއް ހޯދަން އުޅެންނުޖެހޭނެކަމުގަވެސް އޭނާ ބަޔާންކުރެއެވެ.
އިންޓަމިޓެންޓް ފާސްޓިން، އެކަން ކުރަންވާ ގޮތް ރަގަޅަށް ދަނެގަނެ، އެކަމަށް ތައްޔާރުވެގެން ކޮށްފިނަމަ ހީނުކުރާހާ ސިއްހީ ފައިދާ ހުންނަކަމަށާއި ހަށިގަނޑުގެ ބަރުދަން ހުންނަންވާ މިންގަނޑަށް ގެނައުމަށް ހީނުކުރާހާ ހަލުވިކަމެއް ގެނެސްދޭކަމަށާއި، ގިނަގުނަ ލައިފްސްޓައިލް ބަލިތައް ރިވާސްވެ ނުވަތަ ރަގަޅުވެ ސިއްހަތު ރަގަޅުވާކަމަށާއި 24 ގަޑިއިރުން 16 ގަޑިއިރު ނުކައިހުރެފަ 8 ގަޑިއިރު ކައިފަ އަދި ބައެއްފަހަރު 24 ގަޑިއިރުން 18 ގަޑިއިރު ނުކައިހުރެފަ 6 ގަޑިއިރުތެރޭ ކައިގެން ހުންނަ އިންޓަމިޓެންޓް ފާސްޓިންގައި ހުރުމުން ހަށިގަނޑަށް ލިބޭއަރާމާއި ފައިދާ އެނގޭނީ މިކަން ކުރުމުންނެވެ. މިގޮތައް ފަރިތަވުމުން 3 ދުވަހުގެ ފާސްޓިން (ފެންބޮއެގެން) ގައި ހުރުމުން 3ވަނަ ދުވަހު ސިކުންޑީގައި ހިއުމަން ގްރޯތު ސެލް އުފެދި އިތުރުވަނީ އަޖައިބެއްފަދައިންކަމުގައިވެސް ޑރ. ޕްރަދާސްގެ އިތުރުން މިކަމުގެ ސައިންޓިސްޓުންގެ ހޯދުމުން ފެނި ސާބިތުވެ، އަމަލީގޮތުން ތަޖުރިބާކުރެވިފައިވެވެ. ފުރަތަމަ ދުވަހުން ފެށިގެން ފައިދާތަކެއްވާންފަށާ. މިސާލަކަށް 3 ވަނަދުވަހު ބޮޑެތި ބަލިތަކަށް ފަރުވާލިބުމުގެ މަރުހަލާ ފެށޭ، ދިފާއީ ނިޒާމް ރަގަޅުވާންފަށާ އަދި ސްޓެމް ސެލް އިތުރުވުމުގެ މަރުހަލާ ފެށޭ. މިނޫން ކިތަންމެ ފައިދާހުރި ކަންކަން ހަށިގަނޑުގައި ފެށި ކުރިއަރަމުންދާންފަށައެވެ.
ރަހުމަތްތެރިޔާގެ ބުރުސޫރަ ރީތިވެ، ސިއްހީގޮތުން ހުރި އެތަކެއް ބައްޔަކާއި ދުރުގަ ހުރުމުގެ ސިއްރަކީ އިންޓަމިޓެންޓް ފާސްޓިންގައި ހުރުމުން ކަމުގައި ބުންޏެވެ. މިއީ އަޅުގަޑުވެސް ތަޖުރިބާކުރަމުންދާ ކަމެއްކަމުގައިވާތީ އެވާހަކަ އިވުމުން އިތުރު އުފަލެއް ލިބުނެވެ. އަޅުގަޑުމެން ކައިބޮއެ ހަދަންވީ އަޅުގަޑުމެންގެ ސިއްހަތު ފުރިހަމަ ކުރުމަށެވެ. އުމުރުން ދުވަސްވާއިރު އެނދުމަތިނުވެ ހުރުމަށް އެހީތެރިވާނެފަދައަކުންނެވެ. ކެއުން ބައްޓަންކުރާގޮތަކުން ނޫނީ ސިއްހަތައް ހެވާއިލާބަ ލިބުމެއްނެތެވެ. މިއަށް އެއްކުރަންވީ މަދުން ނަމަވެސް ކަސްރަތުގެ ހަރަކާތެކެވެ. އިއިރުން އޮތީ އުފާވެރިކަމެވެ.