ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދީއްތަ ދުވަހު ހުށަހަޅަން ނިންމައިފި އެވެ.

ޕީޕީއެމް/ޕީއެންސީ އެތެރޭގައި މައްސަލަތައް ހޫނުވެ ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވަނީ ނިންމަވައިފަ އެވެ. އެމަނިކުފަނު ރޭ ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.

ރައީސް ޔާމީން އުފައްދަވާ ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު އަދި ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމަށް ރައީސް ޔާމީން އެކުލަވާލި 13 މެމްބަރުންގެ ސްޓިއަރިން ކޮމެޓީގެ އެންމެ އިސް މެމްބަރު މުހައްމަދު މަލީހު ޖަމާލް އެވެ.

މިއަދުގެ މެންދުރު ކުރިއަށް ޕާޓީގެ ނަމާއި ޕާޓީގެ ލޯގޯ ޑިޒައިން ކުރުމުގެ މަސައްކަތާއި އަސާސީ ގަވާއިދު އަދި ހިންގާ ގަވާއިދުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ" އާ މިއަދު ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ މިހަރު ޕާޓީގެ ލޯގޯ އާއި ނަން ފާސްކޮށްފައިވާ ކަމަށެވެ. އަސާސީ ގަވައިދާއި ހިންގާ ގަވައިދުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ މިހާރު ބައެއް އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މި ހަފްތާ ބަންދުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ. މަލީހު ވިދާޅުވީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާ އަންނަ އާދިއްތަ ދުވަހު ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވާ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ އެ މަނިކުފާނުގެ މަޝްވަރާ އާއި ލަފާ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބޭނުންނުކުރާތީ ކަމަށެވެ.

ޖަމީލް ވިދާޅުވީ ޔާމީންގެ ސިޔާސީ މަސައްކަތްޕުޅު ދެން ބައްޓަން ވާނީ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ކަމަށެވެ.

ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ފަހުން ޔާމީންގެ ފޯންކޯލްތަކަށް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ނުދެއްވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.