ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އޮފީސް ހުސްކުރުމަށް އެއޮފީސް ހިންގާ އިމާރާތުގެ ވެރިފަރާތުން އެޕާޓީއަށް އަންގައިފި އެވެ.

ޕީޕީއެމް އޮފީސް ހިންގަމުން އަންނަނީ ހ.ހުރަފާގަ އެވެ.

އިމާރާތުގެ ވެރިފަރާތުން ޕީޕީއެމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ގުރައުންޑް ފްލޯއާއި އެއްވަނަ ފްލޯ ކުއްޔަށް ދޫކުރީ ކުރީގެ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން އެމަނިކުފާނުގެ އޮފީހެއް ހިންގެވުމަށް ކަމަށެވެ. އަދި ކުއްޔަށް ދޫކުރެވިފައިވާ ތަނުގައި މިހާރު ޕީޕީއެމް އޮފީހެއް ހިންގަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި ވުމާއެކު ދެ ފަރާތުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި މިއަދު މެންދުރުގެ ކުރިން އެ ތަން ހުސްކޮށް ހަވާލުކުރުމަށް ވެސް ވެރި ފަރާތުން ފޮނުއްވި ސިޓީގައި ވަނީ އެދިފަ އެވެ.

ޕީޕީއެމް އޮފީސް ހުސްކުރަން އަންގާފައި މި ވަނީ، އެ ޕާޓީން ކުރީގެ ރައީސް ޔާމީން ދުރަށް ޖެހިވަޑައިގެން އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައި އޮއްވަ އެވެ.

ޕީޕީއެމުން ވަކިވެ، ޔާމީން އާ ޕާޓީއެއް ހެދުމަށް ނިންމީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތްކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.

ޔާމީން އަލަށް ހަދާ ޕާޓީގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އެދޭނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެ އެވެ.