މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަން ލިބުނު ދުވަހުން ފެށިގެން އޭނާ ދިޔައީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދަމައިގަތުމަށް ހީލަތްތެރި ރޭވުންތައް ރާވަމުންނެވެ.

މި ރޭވުންތައް ރާވަމުން ދިޔައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރިކަން ދައްކައިގެން އުޅުނު ފޮނަދޫ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ހުރީ އެފަދަ ދަނޑިވަޅަކަށް ތައްޔާރަށްކަން ޑރ. މުހައްމަދު މުއިއްޒަށް ރަނގަޅަށް އެނގިވަޑައިގަތެވެ. އެހެންވެ އެންމެ ފުރަތަމަ ބެލީ އަދުރޭ ރުއްސުމަށް، އޭނާ ބޭނުންވާ ކަންތައް މަޑުމަޑުން ހަމަޖައްސައިދެވޭތޯ އެވެ.

ފައިސާއާ ހެދި މޮޔަވެފައި ހުންނަ އަދުރޭ އޭރު ދިޔައީ ޕީޕީއެމް ހިންގުމުގެ ނަމުގައި އެކި ވިޔަފާރިވެރިން އަތުން ފައިސާ އަތުލަމުންނެވެ. އަދުރޭގެ ހާލަތު މުއިއްޒު ރަނގަޅަށް ދަސްކޮށްގެން އޭނާއަށް "ފިލި" ޖަހަން ފެށި އެވެ. މިގޮތުން މަސް މާރުކޭޓު ހިންގައި ބެލެހެއްޓުމާއި ސިޓީ ކައުންސިލްގެ ބައެއް ޕްރޮޖެކްޓްތައް އަޑިއަޑިން އަދުރޭ ބުނާ މީހުންނަށް ދޭން ސިޓީ ކައުންސިލުން ފެށި އެވެ. އެ ހިސާބުން ފެށިގެން މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް އަދުރޭ ގެންދިޔަ އެވެ.

ރައީސް ޔާމީންގެ އެންމެ ވަފާތެރިން ކަމަށް ހެދިގެން އުޅުނު އަބްދުއްރަހީމް ހައިކޯޓު ތެރޭގައި މުވައްޒަފުންނާ ދިމާކުރަނީ.

މުއިއްޒުގެ ހީލަތްތެރި ރޭވުން

ގިނަ މީހުންނަށް ހީވެފައި އޮންނަނީ މަޑުން ހުންނަ ކޮންމެ މީހަކީ ވަރަށް ތެދުވެރި، ވަފާތެރި، ކިޔަމަންތެރި މީހެއް ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ތެރޭގައި ތިބި މީހުންނަށް މުއިއްޒުގެ އަސްލު ސޫރައެއް އޭރު ނޭނގެ އެވެ. އޭނާގެ ހުރި މަޑުމައިތިރިކަމުގެ ސިފަ ދައްކައިގެން ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓަރުންގެ ކޮންޓްރޯލް ހޯދަން ސެނެޓްގެ މީހުންނަށާއި އެ މީހުންގެ އާއިލީ މީހުންނަށް ސިޓީ ކައުންސިލުން ގޮނޑިއެއް މޭޒެއް ނެތަސް މަގާމުތައް ދިޔައީ ބަހަމުންނެވެ. މި ހުރިހާ ކަމެއް ހިނގަމުންދިޔައީ ރައީސް ޔާމީން ވޮޑަމުއްލާ މައްސަލާގައި ކޯޓުން ކުރި ހުކުމާ ގުޅިގެން ތާށިވެފައި ހުންނެވި ދުވަސްވަރު އެވެ. އޭރު ޕީޕީއެމްގެ އިސްކޮށް ތިބި ބައެއް މީހުންނަށް ހީވީ މިއީ އެ މީހުން ވަޒީފާއެއް ނެތި މަގުމަތިވެފައި ތިބުމުން މުއިއްޒުގެ ހެޔޮފުޅުކަމުން ދިއްކޮށްލި އެހީތެރިކަމުގެ އަތެއް ކަމަށެވެ. ސިޓީ ކައުންސިލުން ބަހާލި ވަޒީފާ އާއި މޭޒު ދަށުން ދިން ޕްރޮޖެކްޓްތަކުގެ އަވާގައި އިސާހިތަކު ގިނަ ބަޔަކު ޖެހި މަގުއޮޅިގެން ދިޔަ އެވެ.

މުއިއްޒުގެ ހީލަތްތެރި ރޭވުން ތަންފީޒުކޮށްދިނުމުގައި އިސް އާރުކާޓީއެއްގެ ގޮތުގައި ހުންނެވީ އޭރު ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އާދަމް ރަމީޒު (ބަނޑު ރަމީޒު) އެވެ. ކުރިން އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި އާދައިގެ އޮފިސަރެއްގެ ގޮތުގައި އުޅުނު ރަމީޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއޭސީލް އާއި އެޗްޑީސީގެ މެނޭޖަރު ލެވެލްގައި އުޅުނު މީހެކެވެ. ނަމަވެސް ފަހުން މުއިއްޒު ފަހަތުން ސިޓީ ކައުންސިލަށް ވަދެވުމުން ރައީސް ޔާމީން ދޫކޮށްލައި މުއިއްޒުއަށް ޕީޕީއެމްގެ ޓިކެޓް ހޯދައިދޭން އަޑިއަޑިން ހުރިހާ ރޭވުމެއް ރާވައި ހިންގީ ރަމީޒެވެ. މިކަން ރައީސް ޔާމީންގެ ރާޑަރަށް އަރައިގެން ރަމީޒާ ސުވާލުކުރުމުން ހެދީ ދޮގެވެ. އޭނާ އެފަދަ އެއްވެސް ކަމެއްގައި ބައިވެރި ނުވާ ކަމަށް ބުނެ ރައީސް ޔާމީނަށް އޮޅުވާލި އެވެ. އެކަމަކު ރައީސް ޔާމީން އެކަން ގަބޫލެއް ނުކުރެއްވި އެވެ.

މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަަށް ތައްޔާރުވަމުންދިޔައިރު ރަމީޒް )ކ( ގައި މަޑުކޮށްލައިގެން.

އޭރު ރަމީޒް ގެންދިޔައީ ސައި މޭޒުދޮށުގައި ރައީސް ޔާމީނަށް ހުތުރު އެއްޗެހި ކިޔައި، އެކި މީހުން ކައިރީގައި މިފަހަރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް މުއިއްޒު ފިޔަވައި އެހެން މީހަކަށް ނުލިބޭނެ ކަމަށް ބުނެ ވާހަކަދައްކަމުންނެވެ. މި ވާހަކަތަކުގެ ރެކޯޑިން ބައެއް މީހުން ޕީޕީއެމްގެ ލީޑަޝިޕާ ހަމަޔަށް ގެންދިޔަ އެވެ. ނަމަވެސް އެ މީހުން އޭރު ދިނީ އެކަމަށް ބީރު ކަންފަތެކެވެ. ނަމަވެސް ރައީސް ޔާމީންގެ އެންގެވުމަކަށް ރަމީޒްގެ މައްސަލަ ބަލައި ތަހުގީގުކޮށް ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކިކުރަން ނިންމި އެވެ. އަދި ރަމީޒް އޭގެ ފަހުން މުއިއްޒުއާ ގުޅިގެން ސިޓީ ކައުންސިލް ބޭނުންކޮށްގެން ރިޔާސީ ޓިކެޓް ދަމައިގަތުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ފެށި އެވެ.

މުއިއްޒުގެ ކެމްޕޭން ހަރަކާތުގައި ނައިބު ރައިސް ހުސެއިން އާއި ޕީޕީއެމްގެ އިސްވެރިން ބައިވެރިވަނީ.

ޕީޕީއެމްގެ ނައިބު ރައީސުން ތިބީ ނޭނގޭ ކަމަށް ހެދިގެން

ރައީސް ޔާމީނާ ދެކޮޅަށް އޭރު ކޯޓުގައި ޝަރީއަތް ހިނގަމުންދާތީ ޕީޕީއެމް އަދި ޕީއެންސީގެ އިސް ސަފުގައި އުޅޭ ނައިފަރު އަހުމަދު ޝިޔާމާއި ތުރާކުނު، މުހައްމަދު ސައީދާއި ފައިނު އާދަމް ޝަރީފާއި އެންދެރިމާގޭ ޣައްސާން މައުމޫނު މެން ދިޔައީ މުއިއްޒުގެ ރޭވުންތަކަށް އެއްބާރުލުންދީ ރައީސް ޔާމީނަށް އޮޅުވާލަމުންނެވެ. އެކަމަކު ރައީސް ޔާމީނަަށް މި މީހުންގެ ނުބައި ރޭވުން އޭރު ވެސް އެނގިވަޑައިގަންނަވަ އެވެ. ނަމަވެސް ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން އެ ރޭވުންތަކާ ކުރިމަތިލައި ފެއިލްކޮށްލެވޭނެ ގޮތެއް ނުވި އެވެ. ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވެވަޑައިގެން ޕާޓީގެ ކައުންސިލަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ސެނެޓެއް އުފައްދަވައި ޕާޓީގެ ކޮންޓްރޯލް ނެންގެވޭތޯ މަސައްކަތްކުރެއްވި އެވެ. އެ މަނިކުފާނަށް ރިޔާސީ ޓިކެޓް ދެއްވަން ނިންމެވުމާއެކު މާގިނަ ދުވަހެއް ނުވަނީސް އަނެއްކާ ވ. އާރަށުގެ މައްސަލާގައި އެމަނިކުފާނު ޖަލަށް ގެންދެވި އެވެ.

ރައީސް ޔާމީންގެ ވަފާތެރިން ކަމަށް ހެދިގެން އުޅުނު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރުން ރައީސް ޔާމީންގެ ޕޯސްޓަރު އަތަށް ލައިގެން.

ރައީސް ޔާމީން ދެވަނަ ފަހަރަށް ޖަލަށް ގެންދެވުމާއެކު ޕީޕީއެމްގެ އޮފީސް ތެރޭގައި ބައެއް ލީޑަރުން އުފާފާޅުކުރި ކަމަށްވެ އެވެ. އަދި އެ ދުވަހުން ފެށިގެން މުއިއްޒު އޭނާގެ ކެމްޕޭން އިހުނަށް ވުރެ ބާރަށް ކުރިޔަށް ގެންދަން ފެށި އެވެ. އެގޮތުން ސިޓީ ކައުންސިލްގެ ހަރަކާތްތައް ޕްރޮމޯޓްކުރުމަށް ބޮޑު މީޑިއާ ޓީމެއް އުފައްދައި އެތައް ބަޔަކަށް ވަޒީފާ ބަހައިލި އެވެ.

މުއިއްޒުގެ ކެމްޕޭން ނުސީދާކޮށް ފަށައި، މި އަހަރުގެ ކުޑަ އީދާއި ބޮޑު އީދު ފާހަގަކުރުމުގެ ނަމުގައި އެކި ހަރަކާތްތައް ސިޓީ ކައުންސިލުން ރާވައި ހިންގަން ފެށި އެވެ. ސިޓީ ކައުންސިލުގެ ހަރަކާތްތަކަށް ބައެއް ބޮޑެތި ވިޔަފާރިވެރިންގެ އެހީތެރިކަން ހޯދައި އެ މީހުންނަށް ވެސް މާލޭ މުހިއްމު ބިންތައް އެކި ގޮތްގޮތަށް ބަހައި ކެމްޕޭނަށް ފައިސާ ޖަމާކުރަން ފެށި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުޅުވާލި ދުވަސްވަރު މުއިއްޒު ވެރިކަމަށް ކުރިމަތިލާން އުޅޭ ވާހަކަ ރަށު ތެރޭ ދެކެވެން ފެށުމުން ބައެއް މީޑިއާތަކުން މުއިއްޒުއާ ސުވާލުކުރި އެވެ. އަދި ވެރިކަމަށް އަންނަން އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ބުނެ ދޮގު ހަދައި މުއިއްޒު އޮޅުވާލި އެވެ. ނަމަވެސް އޭރު ވެސް އޭނާ ދިޔައީ ރައީސް ޔާމީން ކުރިމަތިނުލެވޭ ގޮތް ހެދުމަށް ސަރުކާރުގައި ތިބި އެކި ފެންވަރުގެ ވެރިންނަށް ވަސްވާސްދެމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި ބައްދަލުކުރެއްވުމުގެ ތެރެއިން--- ފޮޓޯ:ރައީސް އޮފީސް

މުއިއްޒު ވެރިކަމަށް ކުރިމަތިލާން އުޅޭ ވާހަކަ ރަށު ތެރޭގައި ގަދަވެ، މުއިއްޒުގެ ކަންތައް ބޮޑުވާން ފެށުމުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެ ޕީޕީއެމް ޕްރޮމޯޓްކުރާ "ޗެނަލް 13" އަށް ޖުލައި 26 ވަނަ ދުވަހު ދެއްވި އިންޓަވިއުއެއް ދިނެވެ. އެކަމަކު އެ އިންޓަވިއުގައި ވެސް އަމިއްލަ ނަފުސު ޕްރޮމޯޓްކުރުމަށްފަހު، އޭނާއަކީ ރައީސް ޔާމީނާ ދުވަހަކު ވެސް ދެކޮޅުވާނެ މީހެއް ނޫން ކަމަށް ބުނެ އޮޅުވާލި އެވެ.

އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީންއަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އިދިކޮޅު ކެންޑިޑޭޓަކަށް ވުމަށް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނަމުން އަންނަ ކަމަށާއި އަދި ޕީޕީއެމް ތެރޭގައި ކެމްޕެއިން ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް އޭނާ ދޮގުކުރި އެވެ.

މުއިއްޒު ވިދާޅުވީ އޭނާއާ ގުޅޭގޮތުން އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ފަތުރަމުން ގެންދާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި ނަމަވެސް އެކަން ކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންއަށް ތާއީދުކުރަން ފެށީ މިއަދު ނޫން ކަމަށާއި އެންމެ ކުރިންސުރެ ހުންނެވީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށެވެ. އަދި ސަޕޯޓް ކުރަނީ ވެސް ރައީސް ޔާމީނަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަންޑިވައިޑެޑް ސަޕޯޓް. ލޯޔަލިޓީ އަބަދުވެސް ރައީސް ޔާމީނަށް އޮންނާނެ. ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ފެންނަ ކެބިނެޓް ވަޒީރުންނާއި އިސްވެރިންގެ ތެރެއިން އަޅުގަނޑަށް ވަރަށް ކަމުދާ ޝަހްސިއްޔަތެއްގެ ގޮތުގަ އޭރުގައި ޔާމީން އަޅުގަނޑަށް ފާހަގަ ވެގެން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމިން މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރައްވާނެ ކަމަށާއި ރައީސް ޔާމީން ޖަލުގައި އޮންނަވަނީ އިންސާފުން ނޫން ކަމަށެވެ. އަދި މި ގައުމަށް މިއަދު ވެސް ބޭނުން ވަނީ ރައީސް ޔާމީން ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އޭރު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް ސުޕްރީމް ކޯޓުން ނުނިންމަ އެވެ. ސުޕްރީމް ކޯޓުގެ ނިންމުން އަންނާނެ ގޮތެއް ނޭނގޭތީ ޕީއެންސީގެ ނަމުގައި ކެންޑިޑޭޓަކު ނެރުމަށް ރައީސް ޔާމީން ލަފާ ދެއްވި އެވެ. އަދި އެކަމަށް އެ ޕާޓީގެ ނަމުގައި ހުޅުވާލުމުން އެންމެ ފުރަތަމަ ފުންމައިގެން ގޮސް ޕީއެންސީއަށް ސޮއިކުރީ މުއިއްޒު އެވެ. އަދި ޕީއެންސީއަށް އެ ދުވަހު ސޮއިކުރުމަށްފަހު އެ ޕާޓީގެ ސެނެޓަރުން "ގަނެލައިގެން" އާދަމް ޝަރީފް އާ ވާދަކޮށް 2 ވޯޓުން ކުރިހޯދައިގެން ޓިކެޓް ކަށަވަރުކުރި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ވޯޓުލަނީ. ފޮޓޯ: ޕީޕީއެމް

ސުޕްރީމް ކޯޓުގެ ނިންމުން ރައީސް ޔާމީނާ ދެކޮޅަށް ނިންމުމުން "ވަކަރަށް ޖަހާލުމުގެ ގޮތުން" އިންތިހާބު ބޮއިކޮޓްކުރަން ޕީޕީއެމްގެ ސެނެޓަރުންނަށް އެދުވަހު ރައީސް ޔާމީން ނޯޓެއް ފޮނުއްވި އެވެ. ނަމަވެސް އަދުރޭ ބޭނުންވާ ގޮތަށް އެ ނޯޓަށް ބަދަލު ގެނެސް އިއްވުމުން އެތަނުގައި ތިބި ގިނަ މީހުން ފުންމައިގެން ތެދުވެ ބުނީ ރައީސް ޔާމީން މިނިވަންކުރެވޭނީ މުއިއްޒު ވެރިކަމަށް ގެނެސްގެން ކަމަށާއި އެހެންވެ އިންތިހާބު ބޮއިކޮޓް ނުކުރާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ނިންމުން ބޮލާލައި ޖެހި އެވެ. އެކަމުގައި އިސްކޮށް ތިބީ އަދުރޭ އާއި ބައެއް ސެނެޓަރުންނެވެ. އޭރު ދެންތިބި ލީޑަރުން ތިބީ ހިމޭންވެ، މަންޒަރު ބަލާށެވެ.

އެ ދަނޑިވަޅުގައި ކަން ހިނގި ގޮތުން ރައީސް ޔާމީން އެހާ ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން މުއިއްޒުގެ ފޯމް ހުށަހެޅުން މަޑުކޮށްލަން އެންގެވި ކަމަށްވެ އެވެ. ނަމަވެސް އަދުރޭއާއި ރަމީޒް ގުޅިގެން ޕީއެންސީ ތައްގަނޑު އޮފީސް ތެރެއިން ދަމައިގެން ފޯމްގައި ޖަހައިގެން ޖެހިގެން އައި ދުވަހު ހެނދުނު ކުއްލި ގޮތަކަށް ދަރުބާރުގެއަށް ވަދެ ފޯމް ހުށަހެޅި އެވެ. އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ރައީސް ޔާމީންގެ ކެމްޕޭން މެނިފެސްޓޯ އާއި އެކަމާ ގުޅުންހުރި ހުރިހާ އެއްޗެއް ހޯދައި އަމިއްލަ އެއްޗަކަށް ހަދައި ކެމްޕޭން ފެށީ އެވެ.

ބޮޑުތަކުރުފަނު މަގުގައި ބްރިޖްކައިރީގައި ހުރި ރައީސް ޔާމީންގެ ބޮޑު ޕޯސްޓަރު

މުއިއްޒު ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށިއިރު މާލޭގެ ދެތިން ސަރަހަައްދެއްގައި ރައީސް ޔާމީންގެ ބޮޑު ފޮޓޯފުޅުތައް "ދިވެހީންގެ ރާއްޖެ" ނަމުގައި ހުރީ ހަރުކޮށްފަ އެވެ. ނަމަވެސް އެތަނުގައި ކެންޑިޑޭޓާއި ރަނިންމޭޓް ނަންޖެހިއިރު ބޮޑުކޮށް ހުރީ ރައީސް ޔާމީންގެ ފޮޓޯފުޅެވެ. އެހެންވެ ގިނަ ބަޔަކު ހީކުރީ އިންތިހާބުގައި ވާދަކުރަނީ ރައީސް ޔާމީން ކަމަށެވެ.

އަސްލު ސޫރަ ފާޅުވާން މާގިނަ ދުވަހެއް ނުނެގި

މުއިއްޒު އިންތިހާބު ކާމިޔާބު ކުރިތާ މާގިނަ ދުވަހެއް ނުވަނީސް ރައީސް ޔާމީން ގެއަށް ބަދަލުކުރަން އޭރުގެ ސަރުކާރުން ނިންމެވި އެވެ. އެ ނިންމެވި ނިންމެވުމަކީ މުއިއްޒުއަށް ހަޖަމްކުރެވޭ ނިންމެވުމަކަށް ނުވި އެވެ. ގާތް މީހުން ކައިރީގައި ޕީޕީއެމްގެ ލީޑަރުން ބުނަމުން ދިޔައީ ރައީސް ޔާމީން ގެއަށް ގެންނަވައިފި ނަމަ ތިމަންނަމެން މިކުރާ މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ގޭގައި ހުންނެވި ނަމަވެސް ޕާޓީގެ ކަންކަމުގައި އެ މަނިކުފާނާ މަޝްވަރާކުރުން ހުއްޓާލައި، ރައީސް ޔާމީން އެކަނިވެރިކޮށްލި އެވެ. ރައީސް ޔާމީނަށް ހެޔޮއެދިގެން އުޅުނު ޕާޓީގެ އިސްވެރިންނާއި ސެންޓަރުން ވެސް ދުއްވައިގަތީ މ. ދިމްޔާތަށް ވަދެ ސަރުކާރުން އަވަހަށް މަގާމެއް އަތުޖެހޭތޯ އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް ހައިކޯޓުގައި ކުރިޔަށް ގެންދާއިރު މުއިއްޒު ވެސް ހިމެނޭހެން ކުރިން ތިބި އިހުލާސްތެރި އެއްވެސް ވެރިއަކު އެމަނިކުފާނު ކޮބައިތޯ ބަލާލަން ކޯޓު ދޮށަށް ވެސް ދިއުން ހުއްޓާލި އެވެ. މިހާ ހިސާބުން ފާޅުވީ މުއިއްޒުގެ އަސްލު ސޫރަ އެވެ.