އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަބިނާވް ޝުކްލާ އާއި ބަތަލާ ރުބީނާ ދިލައިކަށް ލިބެނީ އެއްމާބަނޑު ދެ ކުދިންކަން ހާމަކޮށްފި އެވެ.
ރުބީނާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ޔޫޓިއުބް ޗެނަލުގައި އާއްމުކުރި ވީޑިއޯއެއްގައި އެވެ.
އެ ވީޑިއޯގައި އޭނާ ވަނީ އެއްމާބަނޑު ދެ ކުދިން ލިބެން އުޅޭ ކަމުގެ ހަބަރު އަބިނާވްއަށް ހިއްސާކުރުމުން އަބިނާވް "ރިއެކްޓް" ކުރި ގޮތުގެ ވާހަކަ ވެސް ދައްކާފަ އެވެ. ލިބެން އުޅެނީ އެއްމާބަނޑު ދެ ކުދިން ކަން އެނގުމުން އަބިނާވް އަށް ގަބޫލުނުކުރެވިގެން ދެފަހަރަކު "ނޯ ވޭ" ބުނި ކަމަށް ރުބީނާ އެވީޑިއޯގައި ބުނެފައިވެ އެވެ.
މާބަނޑު ދުވަސްވަރު ދިމާވާ ދަތިތަކުގެ ވާހަކަ ދައްކަމުން ރުބީނާ ބުނީ، އެންމެ ފުރަތަމަ ޓްރިމެސްޓާގައި އޭނާ ކާރު އެކްސިޑެންޓަކާއި ކުރިމަތިލާން ޖެހުނުކަމާއި އަދިވެސް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެއީ ބަނޑަށް ތިން މަސް ވި ފަހުން ކުރި ފުރަތަމަ ސުކޭން ނިންމާފައި ގެއަށް ދިޔަ މަގު މަތިން ދިމާވި އެކްސިޑެންޓެއް ކަމަށް އޭނާ ބުންޏެވެ.
ރުބީނާ އާއި އަބިނާވް ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އަދި މި ދެ ފަންނާނުން ވަނީ ކަލާޒް ޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް 14" ގައިވެސް ބައިވެރިވެފަ އެވެ. އެފަހަރުގެ ސީޒަން ކާމިޔާބު ކުރީ ރުބީނާ އެވެ.
ރުބީނާ އާއި އަބިނާވް އަށް އަލަތު ދަރިފުޅު ލިބޭ ކަމަށް އިއުލާނު ކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
"ޗޯޓީ ބަހޫ" އާއި "ޝަކްތީ: އަސްތިތުވާ ކޭ އެހެސާސް ކީ" ފަދަ ސިލްސިލާތައް ކުޅުނު ރުބީނާ ވަނީ "ބިގް ބޮސް 14" ކާމިޔާބު ކުރުމަށް ފަހު ކަލާސްގެ ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ" ސީޒަން 10 ގައި ވެސް ވާދަކޮށްފަ އެވެ. އަދި މިދިޔަ އަހަރު "އަރުދު" ކިޔާ ފިލްމަކުން ބެވެސް އޭނަ ފެނިފައިވެ އެވެ
އަބިނާވް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "އަކްސަރު 2" އާއި "ލުކާ ޗުއްޕީ" ހިމެނެ އެވެ. އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައ "ޗޯޓީ ބަހޫ"، "ޖާނޭ ކިއު ބާތު ހުއީ" އަދި "ހިޓްލަރު ދީދީ" ހިމެނެ އެވެ.