ރާއްޖޭގައި މައިކްރޯ ފައިނޭންސް ބޭންކެއް ގާއިމުކުރުމާއި ގުޅޭގޮތުން، ރައީސް މުހައްމަދު މުއިއްޒު އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ ރައީސް މުހައްމަދު އަލް ޖާސިރާއެކު މަޝްވަރާ ކުރައްވައިފި އެވެ.

މިމަޝްވަރާ ބައްދަލުކުރެއްވުން އޮތީ މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 28 ވަނަ ސެޝަންގެ ހަވާސާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމާއި، ޒަކާތު ހައުސް ބިނާކުރުމާއި، ވަޤުފް ޕްރޮގްރާމެއް ހިންގުމާއި، މައިކްރޯފައިނޭންސް ބޭންކެއް ޤާއިމު ކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރައީސް މުއިއްޒު ވަނީ، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން އެ މަނިކުފާނު އިއުލާނު ކުރެއްވި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރާ ބެހޭގޮތުން ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ތަފުސީލު ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ހިންގާ މަޝްރޫއުތަކާއި، ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު އާއި އައިއެސްޑީބީގެ ރައީސްގެ މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލު ކުރެއްވި އެވެ.